ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކުރުން ލަސްވަނީ، ބައެއް ފަރާތްތަކަށް ދަތުރުކުރަން ދަތިވާތީ ކަމުގައި ހައުސިންގް މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން ގުރުއަތު ނެގުމަށް ފަހު، ގޯތި ލިބިފައިވާ މީހުންނަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އިން ވަކި ކުރުމަށްފަހު، ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކުރަން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.
ނަމަވެސް މިއަދާ ހަމައަށް ވެސް ބައެއް ފަރާތްތަކަށް، އެ ފަރާތްތަކުގެ ބިން ހަވާލުނުކޮށް ހުރިކަމުގެ ޝަކުވާތައް ވަނީ އުފެދިފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ މުއްޠަލިބު ވިދާޅުވީ ”ބިންވެރިޔާ ސްކީމުގެ“ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ރެޖިސްޓްރީ ހަދައިދީ، ގޯތި ހަވާލު ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން މިހާތަނަށް 3541 ފަރާތުގެ ތެރެއިން 2690 ފަރާތަށް ރެޖިސްޓްރީ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބާކީ ހުރި ފަރާތްތަކަށް ރެޖިސްޓްރީ ހަދައިދިނުމުގެ މަސައްކަތް ފަށައިގެން ކުރިއަށްގެންދާ ކަމަށް ވެސް މިނިސްޓަރ މުއްޠަލިބް ވިދާޅުވިއެވެ.
”ގޯތި ހަވާލު ކުރުމުގެ މަސައްކަތް ވެސް ފަށައިގެން ކުރިއަށް ގެންދިޔައިން. ނަމަވެސް އެކަން ސްލޯކޮށް (އަޅުގަނޑު ބޭނުންވާ ސްޕީޑަށް) ނުދާ މައިގަނޑު ސަބަބަކީ ދަތުރުކޮށްފައި ދާން ޖެހުމާއި އަޅުގަނޑުމެން ދޭ ދުވަހުގައި ދަތުރުކުރަން ވަރަށް ގިނަ ފަރާތްތަކަށް ދަތިވުމުގެ އިތުރުން ގުޅިފަޅުގެ ތެރޭގައި ދަތުރުފަތުރު ކުރުމަށް ބައެއް ދަތިތައް ކުރިމަތިވާތީ“ މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ މުއްޠަލިބް ވިދާޅުވީ ގޯތި ހަވާލު ނުކުރެވި ހުރި ފަރާތްތަކުން ބޭނުންވާނަމަ، އެތަނަށް ނުގޮސް މާލެއިން ވެސް ގޯތި ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށެވެ.




