ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ ގައުމުތަކުގެ އެއާޕޯޓުތައް ބަންދު ކުރުމުގެ ސަބަބުން ވައިގެދަތުރުފަތުރަށް އެރި ބުރޫތައް ކުޑަކުރުމުގެ ގޮތުން މިދިޔަ ދުވަސްތަކުގެ ތެރޭގައި ޔޫރަޕުގެ އާ ފަސް މަންޒިލަކަށް ފްލައިޓްތައް ބާއްވާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަމީން މިހެން ވިދާޅުވީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ އަމީން ވިދާޅުވީ މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުވުމުގެ ނޭދެވެ އަސަރު ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑަށް ކުރަމުންދާ ކަމަށެވެ. މިއަދު އެކަނި ވެސް 53 ފްލައިޓް ޝެޑިއުލްކޮށްފައި އޮތްއިރު، އޭގެ ތެރެއިން 18 ފްލައިޓެއް ކެންސަލްވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
”އެއީ މުޅިން ވެސް މެދުއިރުމަތީގެ ގައުމުތަކުން އަންނަ ފްލައިޓްތައް،“ ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ އަމީން ވިދާޅުވީ 18 ފްލައިޓް އެއް ދުވަސް ތެރޭގައި ކެންސަލްވުމަކީ މުޅި ދާއިރާއަށް ބޮޑު ޗެލެންޖެއް އަންނާނެ ކަމެއް ކަމަށާއި އެހެންވެ، ލޮޅުންތައް ކުޑަކުރުމަށްޓަކައި ސަރުކާރުން އެ ސިނާއަތުގެ ފަރާތްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.




