އެމެރިކާއާއި އިސްރާއީލުން އިސްވެ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ފަސްވަނަ ދުވަހަކަށް ދެމިގެން ގޮސްފައިވާއިރު، ރައްދުގައި އީރާނުން ދެމުންދާ ވަރުގަދަ ޙަމަލާތަކާ ގުޅިގެން އިސްރާއީލުގެ ޢާންމުންނަށް ކުރިމަތިވެފައި އޮތް ނުރައްކަލާއި ނުތަނަވަސްކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އިސްވެ ތިވެ ފެބުރުވަރީ 28 ވަނަ ދުވަހު އީރާނަށް ދޭން ފެށި ޙަމަލާތަކާއެކު މުޅި މެދުއިރުމަތި ވަނީ ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިފައެވެ.
އީރާނުން ބުނަމުންދަނީ މިއީ އެ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލުގެ ދިފާޢުގައި ދޭން ފެށި ރައްދު ޙަމަލާތަކެއް ކަމަށެވެ. މި ގޮތުން ނުރައްކާތެރި ބެލިސްޓިކް އަދި ކްރޫޒް މިސައިލްތަކުގެ އިތުރުން ގިނަ އަދަދެއްގެ އަސްކަރީ ޑްރޯން ބޭނުންކޮށްގެން އީރާނުން ދަނީ އިސްރާއީލުގެ ރަށްތަކާއި، ގަލްފާއި ޢަރަބި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ޙަމަލާ ދެމުންނެވެ.
އީރާންގެ މި ވަރުގަދަ ޙަމަލާތަކާ ގުޅިގެން އިސްރާއީލުގެ ރަށްތަކުގައި އިންޒާރުގެ ރަނގަބަލީގެ އަޑު ކެނޑިގެން ނުދާއިރު، ގިނަ އަދަދެއްގެ ޢާންމުން ތިބީ ބިންގަރާސްތަކުގައި ފިލައެވެ. ނަމަވެސް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އީރާންގެ ޙަމަލާތަކުގެ ވަރުގަދަކަމުން ބިންގަރާސްތަކުގައި ތިބޭ މީހުންނަށް ވެސް ފުރިހަމަ ރައްކާތެރިކަމެއް މިހާރު ނެތެވެ.
މާރިޗު 4 ވަނަ ދުވަހުގެ ހެނދުނު ވެސް އިސްރާއީލުގެ ފައުޖުން ވަނީ ތަލް އަވީވާއި ޤުދުސް ހިމެނޭ ގޮތަށް ބޮޑު ސަރަޙައްދަކަށް ކުއްލި ނުރައްކަލުގެ އިންޒާރު ނެރެފައެވެ. އީރާންގެ ޙަމަލާތަކުގައި މިހާތަނަށް އިސްރާއީލުގެ 11 މީހުން މަރުވެ، އެތަކެއް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އިސްރާއީލު ސަރުކާރުން މި އަދަދުތައް ސިއްރުކުރަން މަސައްކަތް ކުރި ނަމަވެސް، ޒަޚަމްވި މީހުންގެ ތެރޭގައި ބިންގަރާސްތަކުގައި ތިބި މީހުން ވެސް ހިމެނޭ ކަމަށް މަޢުލޫމާތު ލިބެއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި މި ހަނގުރާމަ މަހެއްހާ ދުވަހަށް ދެމިގެން ގޮސްދާނެއެވެ. ނަމަވެސް އީރާނުން ބުނެފައިވަނީ ދިގު ހަނގުރާމައަކަށް އެ ޤައުމު އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.
މި ހަނގުރާމައިގައި މިހާތަނަށް އީރާނުން 787 މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.




