މާލެއިން އުމުރުން 32 އަހަރުގެ އަންހެނެއް ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން، އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ޅ. ނައިފަރު / ކަށިމާގެ، ފާޠިމަތު ނޫރާ (32އ) އެވެ.
ފުލުހުން ބުނީ ރޭ 8:00 ހާއިރު ނޫރާ ގެއިންބޭރަށް ދިޔަފަހުން ޚަބަރެއްނުވެ ގެއްލިފައިވާކަމަށް، ރޭ ދަންވަރު 12:19 ހާއިރު އާއިލާއިން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުންގެ ކަމާގުޅުންހުރި ހުރިހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ އަދި ފެނިފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެހެންކަމުން ފާޠިމަތު ނޫރާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަން ނަންބަރު 9631696 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ނޫރާ ގެއިން ނިކުމެގެން ދިޔައީ ރުޅިއައިސްގެން ”މިދަނީ މަރުވާން“ ކަމަށް ބުނެފައި ކަމަށެވެ. އަދި އޭނާއަކީ ފިޓު ޖެހޭ، ސިކުނޑީގައި މައްސަލައެއް ވެސް ހުންނަ ކުއްޖެއްކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ. ރޭގައި ނޫރާ ގެއިން ނިކުތީ އޭނާގެ ފިރިމީހާ ދެކެ ރުޅިއައިސްގެން، ކޯކް ފުޅިއެއް ބަންޑުން ޖަހާލުމުން ފިރިމީހާ އެތަން ސާފުކުރަން އެތެރެއަށް ވަންވަގުތު ކަމުގައި ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ. ނަމަވެސް މި ޕޯސްޓުގައި ބުނެފައިވާ އެއްޗެއްގެ ސައްހަކަން އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.




