އެހެން ޤައުމަކަށް ހަނގުރާމައަށް ގޮސް ތާށިވި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމަ މިހާރު އަނބުރާ ރާއްޖެ ގެނެސްފައިވާކަން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހުސާން މިކަން ހާމަކުރެއްވީ މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ، ދިވެހި ރައްޔިތުންގެ ތެރެއިން ހަނގުރާމަވެރި އެކިއެކި ސަރަހައްދުތަކަށް ގޮސް ތާށިވެ އަނބުރާ ރާއްޖެ ނާދެވި (އޭގެތެރޭގައި ހަނގުރާމައިގައި ބައިވެރިވާން ދިޔަ ފަރާތްތަކާއި ހަނގުރާމައިގައި ބައިވެރިވާން ދިޔައިރު އެކީގައި ގެންދިޔަ އާއިލާގެ ފަރާތްތަށް) އަނބުރާ ރާއްޖެ ނާދެވި އެ ސަރަހައްދުތަކުގައި ތާށިވެފައިތިބި ތިބުން ނިމުމަކަށް ގެނެސް، އެ ފަރާތްތަށް ވީއެންމެ އަވަހަކަށް ރާއްޖެ ގެނެސް، މުޖުތަމައުއަށް އަލުން ދޫކޮށްލުމުގެ ކުރިން އެ ފަރާތްތަކަށް ދޭންޖެހޭ ހުރިހާ ތަމްރީނުތަކެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންގެވި ކަމަށެވެ.
އެގޮތުން އެ މަސައްކަތުގެ ތެރެއިން ކުރިން ވެސް 23 ފަރާތެއް ވަކިން ރީއިންޓެގްރޭޓް ކޮށްފައިވާނެ ކަމަށާއި މިހާރު މަސައްކަތް ކުރަމުން ގެންދަނީ ސީރިއާގެ ދެ ސަރަހައްދެއްގައި ތިބިކަމަށް ބެލެވިގެން، އެ ސަރަހައްދުތަކުން ގެންނަން ޖެހުނު ގާތްގަނޑަކަށް 60 އެއްހާ މީހުންގެ މަސައްކަތް ކަމަށް ވެސް މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.
”މި މަސައްކަތް ކުރިއަށް ދަނިކޮށް ލިބުނު މައުލޫމާތަކީ ތުރްކީގައި ރާއްޖޭގެ 3 ރައްޔިތަކު، މިފަދައިން ހަނގުރާމަވެރި އެހެން ޤައުމަކަށް ގޮސް ފަހުން ތުރްކީގައި ތާށިވެފައިވާކަމަށް. އަދި ތުރުކީ ސަރުކާރުގެ ފަރާތުން އެ ފަރާތްތަށް ޑީޓެއިންކޮށް ދިވެހި ސަރުކާރަށް އެނގުމާއެކު އަޅުގަނޑުމެންގެ ގުޅިފައިވާ އެކިއެކި ފަރާތްތަށް މެދުވެރިވެގެން އެމީހުން ރާއްޖެ ގެންނަން މަސައްކަތް ފެށިން“ ހޯމްލޭންޑް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތުގެ ދަށުން 14 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި އޭނާގެ މަންމަ މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށާއި އެ ދެމައިންނަށް ނޭޝަނަލް އިންޓެގްރޭޝަން ސެންޓަރުން ދޭން ޖެހޭ ހިދުމަތް މިހާރު ދެމުން އަންނަ ކަމަށެވެ.




