ރާއްޖެއަށް މަސްތުވާތެކެތި އެތެރެވާ މަންޒިލްތައް ދެނެގަނެ، އެ މަގުތަކުން މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި ހުއްޓުވުމަށް ކުރަމުންދާ މަސައްކަތަށް އަލިއަޅުވާލައްވާފައެވެ. އަދި ރާއްޖޭގެ އެތެރޭގައި ދައުރުވާ މަސްތުވާތަކެތި މަދުކުރުމަށް ތަންފީޒީ އިދާރާތަކުން، ކުރަމުންދާ މަސައްކަތް ހާމަކުރައްވާ މިނިސްޓަރު ވަނީ ބައެއް ތަފާސްހިސާބުތައް ވެސް ހިއްސާކުރައްވާފައެވެ.
އެގޮތުން ވޭތުވެ ދިޔަ ދޮޅު މަސް ދުވަހުގެ ތެރޭގައި ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އެކި އޮޕަރޭޝަންތަކުގައި ޖުމްލަ 83.45 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. މިތަކެތީގެ މަގުމަތީ އަގު 72.2 މިލިއަން ރުފިޔާއަށް އަރާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
މީގެ ތެރެއިން 72 ކިލޯގެ މަސްތުވާތަކެއްޗަކީ ރާއްޖޭގެ ބޯޑަރު ހުރަސްކޮށް އެތެރެކުރަން މަސައްކަތް ކުރަނިކޮށް ކަސްޓަމްސްއިން އަތުލައިގެންފައިވާ މަސްތުވާތަކެތި ކަމަށް ވެސް ވިދާޅުވިއެވެ. މިއީ ތަފާތު 8 މައްސަލައެއްގެ ތެރެއިން އަތުލައިގެންފައިވާ މަސްތުވާތަކެއްޗެވެ.
ކަސްޓަމްސްގެ މަސައްކަތް ހަރުދަނާކޮށް ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ އަދަދު އިތުރުވެފައިވާއިރު، ބޭރުގައި ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތައް ހުއްޓުވުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުންދާ ކަމަށް މިނިސްޓަރ އިހުސާން ވިދާޅުވިއެވެ. ސަރުކާރުން ވަނީ މީގެ ކުރިން މިފަދަ 3 ފަރާތެއް ދެނެގަނެވިފައިވާކަން ހާމަކޮށްފައެވެ.
”ކުރީގައި ފާހަގަކޮށްފައިވާ 3 ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރުވެސް ދިވެހި ފުލުހުން ދަނީ އިންޓަޕޯލްއާއި އެކި ފަރާތްތައް ގުޅިގެން ދަނީ މަސައްކަތް ކުރަމުން. ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ މަންޒިލްތަކުގެ އެނަލިސިސް ހަދާ، މިގެންނަ ފަރާތްތައް އަދި ގެންނަ ފަރާތްތައް އެއީ އެފަރާތް މެދުވެރިވެގެން ގެންނަ ޝިޕްމެންޓްތައްކަން ޔަޤީންވާ ފަރާތްތަކުގެ އެނަލިސިސް ހަދާ އޭގެ އޮރިޖިން ހޯދުމުގެ މަސައްކަތް އަޅުގަނޑުމެންނާއި އަދި ބޭރުގެ ފަރާތްތަކާއި ގުޅިގެން މިދަނީ ކުރިއަށް ގެންދަމުން“ މިނިސްޓަރ ވިދާޅުވިއެވެ.




