ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާއިން އިންތިޒާމް ކުރާ ”ކުޅުދުއްފުށި ޗެންޕިއަންޝިޕް 2024“ ފުޓްބޯޅަ މުބާރާތް ރާވާ ހިންގައި ދޭނެ ފަރާތެއް ހޯދަން ފަށައިފި އެވެ.
އެ ކައުންސިލުން ވަނީ މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމާއި ގުޅޭ މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު މިމަހުގެ 29 ވަނަ ދުވަހުގެ 11:00 އާ ހަމަޔަށްް ހުޅުވާލާފަ އެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކުޅިވަރު ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަދި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
މި މަސައްކަތާއި ގުޅޭ ޕްރީ ބިޑް ބައްދަލުވުން މިމަހުގެ 20 ވަނަ ދުވަހު ބާއްވަން ތާވާލްކޮށްފައިވާއިރު ބިޑް ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ 11:00 އާ ހަމަޔަށެވެ.
”ކުޅުދުއްފުށި ޗެންޕިއަންޝިޕް 2024“ އަކީ، ކުޅުދުއްފުށީގެ ޒުވާނުންގެ އިތުރުން ފުޓްބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި، ޒުވާނުންގެ ފުޓްބޯޅަ ހުނަރު އިތުރު ކުރުމާއި، ޤައުމީ ފެންވަރުގައި ފުޓްބޯޅަ ކުޅޭ ޒުވާނުން އެ ސިޓީގައި އުފެއްދުމުގެ މަގުސަދުގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތެެކެވެ.



