ބޭހުގެ ފެންވަރު ރަނގަޅުވަނީ ޔޫރަޕުގައި އުފައްދައިގެން ނޫން ކަމަށާއި ބޭސް އުފައްދާ ގައުމު ނުވަތަ ބައްރަކަށް ބެލުމަށް ވުރެ މުހިންމީ ބޭހުގެ ކޮލިޓީ ކަށަވަރުކުރުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ނާޒިމް މިހެން ވިދާޅުވީ ”އާދައިގެ ބޭސް“ ގެނައުން ނިމުމަކަށް ގެނެސް، ސީދާ ޔޫރަޕުން ފެންވަރު ރަނގަޅު ބޭސް ގެންނާނެ ކަމަށް މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނިކޮށެވެ.
”އާދައިގެ ބޭސް ގެނައުން ނިމުކަކަށް ގެނެސް، ސީދާ އުފައްދާ ތަނުން، ޔޫރަޕުންނާއި އެމެރިކާއިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޭސް އެތެރެ ކުރުން ބަދަލު ކުރާނަން،“ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކަށް ފަހު، 13 ޖެނުއަރީ 2024ގައި ރާއްޖެ ވަޑައިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްވި ބަޔާނުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަަރު ނާޒިމް ވިދާޅުވީ ކޮލިޓީ ރަނގަޅު ބޭސް ގެނައުމަކީ ސަރުކާރުން އަބަދުވެސް ގެންގުޅޭ ސިޔާސަތެއް ކަމަށެވެ.
ނަމަވެސް، މިނިސްޓަރު ވިދާޅުވީ ފެންވަރު ރަނގަޅުވުން މާނަކުރަނީ ”ޔޫރަޕު ކޮލިޓީ“ ގެ ގޮތުގައި ނޫން ކަމަށެވެ.
”ކޮލިޓީ ރަނގަޅު ބޭސް އިންޑިއާގައި ވެސް އުފައްދާނެ، ބަންގްލަދޭޝްގައި ވެސް އުފައްދާނެ. އެހެންވީމަ އަޅުގަނޑުމެން ކޮލިޓީ ބަލާ މިންގަނޑުތަކެއް، އުސޫލުތަކެއް މި ހުންނަނީ“ މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.



