މިއަހަރުގެ ރަމަޟާން މަހު، ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ރައްޔިތުންނަށް ދޭން ނިންމާފައިވާ މަސްދަޅު ކޭސް، 113،382 ގޭބިސީއަށް ދޫކޮށްފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާ ބެހޭގޮތުން ވާހަަކަ ދައްކަވަމުން ސިޓީސް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ރޯދަ ހަދިޔާ ދޫކުރި އަތޮޅުތަކުގެ ގޭބިސީގެ އަދަދު މަދުވި ނަމަވެސް މާލެ ސަރަހައްދުގައި ރޯދަ ހަދިޔާ ދޫކުރި ގޭބިސީތަކުގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، މިދިޔަ ޖެނުއަރީ މަހުގެ 24ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ފަށާފައިވާއިރު ބުދަ ދުވަހުގެ ރެއާ ހަމައަށް ހުރިހާ ގޭބިސީއަކަށް ރޯދަ ހަދިޔާ ދޫކޮށް ނިމިފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާގެ ގޮތުގައި މަސް ދަޅު ކޭހެއް ދޫކޮށްފައިވާއިރު މާލެ ސަރަހައްދުގައި މިއަހަރު 55،667 ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވި ގޮތުގައި މިއަހަރު އަތޮޅުތަކުގެ ގޭބިސީތަކަށް ބެހުމަށް 57،715 މަސްދަޅު ކޭސް ވަނީ ފޮނުވާފައެވެ. މިއާއެކު މިއަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި މުޅި ރާއްޖޭގެ 113،382 ގޭބިސީއަކަށް މަސްދަޅުކޭސް ވަނީ ދޫކޮށްފައެވެ.
މާލެ ސަރަހައްދުގައި ގޭބިސީތައް ބަލާފައިވަނީ ސްޓެލްކޯގައި ރަޖިސްޓްރީކޮށްފައިވާ ޑޮމެސްޓިކް މީޓަރުތަކަށެވެ. އަދި އަތޮޅުތަކުގައި ކައުންސިލްތަކުން ފޯރުކޮށްދީފައިވާ އެންމެ ފަހުގެ ރަޖިސްޓްރީތަކަށް ބަލާފައިވާ ކަމަށާއި ގޭބިސީތަކަށް މަސްދަޅު ކޭސް ބެހުމުގައި ލިސްޓުތަކުގެ ސައްޚަކަން ކަށަވަރުކޮށްފައިވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ރަމަޟާން މަހު އަތޮޅުތަކުގެ 60،712 ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކުރިއެވެ. މިއަހަރު އެ އަދަދު މަދުވެފައިވަނީ މާލެއަށް ގިނަބަޔަކު ހިޖުރަކުރުން ކަމުގައި ލަފާކުރެވެއެވެ. އެގޮތުން، މިދިޔަ އަހަރުގެ ރަމަޟާން މަހު މާލޭ ސަރަޙައްދުގެ 50،525 ގޭބިސީއަށް މަސްދަޅު ކޭސް ދޫކޮށްފައިވާއިރު މިއަހަރު ވަނީ 5،142 ގޭބިސީ އިތުރުވެފައެވެ.



