ދިވެހީންގެ ބަޔަކު އުމްރާއަށް ފޮނުވާނެ ކަމަށް ބުނެ އޮޅުވާލި މައްސަލައިގައި ޖަލަށްލާފައިވާ މަޝްއަރް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ވެރިޔާ، އަލީ ފާރިޝް ވަގުތީގޮތުން ގޭބަންދަށް ބަދަލުކޮށްފިއެވެ.
މި މައްސަލައިގައި ފާރިޝް ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ، ނިމިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހެވެ.
ކަރެކްޝަންސް އިން ބުނީ ސިއްހީ ހާލަތާ ގުޅިގެން ވަގުތީ ގޮތުން ފާރިޝް ގޭބަންދަށް ދޫކޮށްލާފައި ވާކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް ދީފައެއް ނުވެއެވެ.
ދައުލަތުން ފާރިޝްގެ މައްޗަށް ދައުވާކުރީ ރާއްޖެއިން އުމްރާއަށް މީހުން ގެންދަން އޭސް އޭވިއޭޝަން ސާވިސް އާއި އޭސް ޓްރެވެލް މޯލްޑިވްސް މެދުވެރިކޮށް 48 މީހެއްގެ ޓިކެޓު ބުކިން ހެދުމަށް ފަހު، ފައިސާ ނުދެއްކި މައްސަލައިގައެވެ.
އެ ޓިކެޓްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ގޮތުން އެ ކުންފުނީގެ އެކައުންޓުން ދޫކުރި ދެ ޗެކެއް ބައުންސްވީއެވެ. އެއީ 390،126ރ. ޗެކަކާއި 156،050ރ. ގެ ޗެކެކެވެ. އެ ދެ ޗެކް ބައުންސްވީ އެކައުންޓްގައި ފައިސާ ނެތުމުންނެވެ.
ފާރިޝްއާ ދެކޮޅަށް ކުރި ދައުވާ ސާބިތުވެ، ހުކުމްގައި ބުނީ ފާރިޝްގެ މައްޗަށް ހުށަހަޅާފައިވާ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާއަށް ފާރިޝް އިންކާރުކުރި ނަމަވެސް ހެކިތަކަށް ރިއާޔަތްކޮށް އެ ދައުވާ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކުރާ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.


