މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމަށް އެމްއެމްއޭގައި ގާއިމުކޮށްފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ އިސްވެރިޔާގެ މަގާމަށް މުހައްމަދު އިޝާން މިއަދު އައްޔަން ކޮށްފިއެވެ.
އިޝާން މީގެ ކުރިން ހުންނެވީ އެމްއެމްއޭގެ ހެޑް އޮފް ފަ.އި ނޭންސްގެ މަގާމުގަ އެވެ. އެ މަގާމަށް އޭނާ އައްޔަން ކުރެއްވީ އެފްއައިޔޫގެ އިސްވެރިއަކަށް އެންމެފަހުން ހުންނެވި އިސްމާއިލް ސާޖިދު މަގާމުން ވަކިކުރުމަށްފަހު އެ މަގާމަށް ކުރިމަތިލާން އެމްއެމްއޭގެ މުވައްޒަފުންގެ ތެރެއިން ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އިންޓަވިއު ކޮށްގެންނެވެ.
އެފްއައިޔޫގެ ވެރިޔާއަށް އައްޔަނުކުރި އިޝާނަކީ ތަޖުރިބާކާރު ޗާޓަޑް އެކައުންޓަންޓެކެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ ޗާޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް (ސީއައިއެމްއޭ)ގެ އެސޯސިއޭޓް މެންބަރެއްގެ އިތުރުން އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސްގެ އެފިލިއޭޓް މެންބަރެކެވެ.
މީގެ 12 އަހަރު ކުރިން އެމްއެމްއޭއާ ގުޅިވަޑައިގަތް އިޝާން ވަނީ އެ މުއައްސަސާގެ އިސް އެކި މަގާމުތައް ފުރުއްވައިފައެވެ. އޭގެ ތެރޭގައި ހެޑް އޮފް ކޯޕަރޭޓް އެކައުންޓްސް ސެކްޝަނާއި ހެޑް އޮފް ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޝަން ހިމެނެއެވެ.
ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފެދިފައި އޮންނަ ހާއްސަ ޔުނިޓެކެވެ. ގާނޫނުގައިވާ ގޮތުން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ އިސްވެރިޔާ އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ލިބިގެންވަނީ މަރުކަޒީ ބޭންކުގެ ގަވަރުނަރަށެވެ.




