ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ މައުރަޒު ކަމަށްވާ އައިޓީބީ ބަރލިން އަންނަ އަހަރު ހޯސްޓުކުރާ ގައުމަކަށް ރާއްޖެ ހަމަޖައްސައި، އެކަމުގެ ރަސްމީ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އައިޓީ ބަރލިންގެ ރާއްޖޭގެ ސްޓޭންޑުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމްް ޝިއުރީއެވެ. އަދި މެސޭ ބަރލިންގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މާރިއޯ ޓާބިއަސްއެވެ.
އަންނަ އަހަރު އައިޓީބީ ހޯސްޓުކުރާ ގައުމަކަށް ދިވެހިރާއްޖެ ހަމަޖެއްސުމަށްފަހު ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ޝިއުރީ ވިދާޅުވީ، މުޅި ދުނިޔޭގައިވެސް ފަތުރުވެރިކަމުގެ ދާއިރާއިން ބޭއްވޭ އެންމެ ބޮޑު އެއް ފެއަރ ހޯސްޓުކުރާ ގައުމަކަށް ދިވެހިރާއްޖެ ހަމަޖެހިފައި ވަނީ، މި ފެއަރގައި ބައިވެރިވާ އެހެން ގައުމުތަކާވެސް ވާދަކޮށްގެން ކަމަށެވެ. އެހެންކަމުން މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަހުރެއްގެ ގޮތުގައި ޝިއުރީ ސިފަކުރެއްވިއެވެ.
”މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް. އައިޓީބީ ބާލިންގެ ހޯސްޓް ކަންޓްރީގެ ގޮތުގައި ރާއްޖެ ހަމަޖެހުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މި މައުރަޒަށް ޒިޔާރަތްކުރާ އެތައް ހާސް ފަރާތްތަކެއްގެ ސަމާލުކަން ރާއްޖެއަށް ހުއްޓި، ރާއްޖޭގެ ބްރޭންޑް އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް“ ޝިއުރީ ވިދާޅުވިއެވެ.
މީގެއިތުރުން ޝީއުރީ ވިދާޅުވީ، މިއީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، މެހެމާންދާރީގެ މުއްސަނދިކަން މުޅި ދުނިޔެއަށް ދައްކާލުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި، މިކަމުގެ ސަބަބުން ޖަރުމަނު މާކެޓުގެ އިތުރުން ޔޫރަޕްގެ އެހެން ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށެވެ.




