ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހޯމް މިނިސްޓްރީން މިއަދު ހުޅުވައިފިއެވެ.
ހޯމް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ ރޭކުން މަތީ ރޭކުތަކުގައި މިވަގުތު ތިބި ބޭފުޅުންގެ ތެރެެއިން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލާ ކަމަށެވެ.
އެކަމަށް ފުރުސަތު ހުޅުވާލާފައިވަނީ މި ހިނގާ މާރިޗް މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ކުއްލި ގޮތަކަށް ރިޓަޔަކުރެއްވުމާ އެކު އެވެ. މިހާރު އެ މަގާމުގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އެވެ.
ކޮމިޝަނަރުގެ މަގާމު ހުސްވާ ހާލަތުގައި އެ މަގާމަށް ޑެޕިއުޓީ ސީޕީއަކަށް ހުންނަވާ ބޭފުޅަކު ވަގުތީ ގޮތުން އައްޔަންވާން ޖެހެއެވެ.




