ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއެއްގޮތަށް ރ. އަތޮޅު ”އުނގުލު“ އެ އަތޮޅު ”އުނގޫފާރު“ ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
ރައީސް މުޢިއްޒު މިގޮތަށް ކަނޑައެޅުއްވީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މި ޤަރާރު އެކަށައެޅުމާއެކު، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) ގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.
މީގެކުރިން އުނގޫފާރު ރައްޔިތުން ވަނީ އެ ރަށުގައި ސިނާޢީ އެކި މަސައްކަތްތައް ކުރުމަށްޓަކައި ފަޅު ރަށެއް ބޭނުންވާ ކަމަށް ރައީސް އަރިހުގައި ދަންނަވާފައެވެ.
މިކަމާ ގުޅިގެން 2024 ވަނަ އަހަރުގެ މާރިޗު މަހުގެ ތިންވަނަ ދުވަހު ރައީސް މުޢިއްޒު އުނގޫފާރަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، އުނގުލަކީ އެއްވެސް ބަޔަކަށް ދީފައިވާ ރަށެއްތޯ ނުވަތަ އެ ރަށާ ގުޅޭ އެއްވެސް މައްސަލައެއް ކޯޓެއްގައި ހިނގަމުންދޭތޯ ބެއްލެވުމަށްފަހު، އެފަދަ ކަމެއް ނެތް ނަމަ އެ ރަށް އުނގޫފާރު ކައުންސިލާ ޙަވާލުކޮށްދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ.



