ގުދުސްގެ އަލް އަގްސާ މިސްކިތުގައި މިއަދު ހުކުރު ނަމާދު ކުރުން އިސްރާއީލުން ކެންސަލްކޮށްފިއެވެ.
އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި ސަލާމަތީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް އިސްރާއީލުގެ ސިވިލް އެޑްމިނިސްޓްރޭޝަނުން ބުނީ، ގުދުސްގައިވާ ހުރިހާ އަޅުކަން ކުރާ ތަންތަން މިއަދު ބަންދުކުރާނެ ކަމަށެވެ.
މީގެ އިތުރުން އެކި ދީންތަކަށް އަޅުކަންކުރާ މީހުންނާއި ޒިޔާރަތްކުރާ މީހުންނަށް ވެސް އެތަންތަނަށް ވަނުމުގެ ހުއްދަ ނުދެވޭނެ ކަމަށް އެ އެޑްމިނިސްޓްރޭޝަނުން ވަނީ ބުނެފައެވެ.
ފަލަސްތީނު އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ސިފައިން ވަނީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ހަނގުރާމަ ފެށުނު ދުވަސް ކަމަށްވާ މިދިޔަ ހޮނިހިރު ދުވަހު ވެސް އެތަނަށް ވަދެ އަޅުކަން ކުރުން މަނާކޮށްފައެވެ. އެ ފަހަރު އަލް އަގްސާ މިސްކިތް ޖެހިޖެހިގެން ތިން ދުވަހުގެ މުއްދަތަކަށް ބަންދުކުރެވުނު އިރު، ރޯދަމަހު ތަރާވީހު ނަމާދު ކުރުމުގެ ފުރުސަތު ވެސް އާންމުންނަށް ދީފައެއް ނުވެއެވެ.
މިދިޔަ ފެބްރުއަރީ މަހު ރަމަޟާން މަސް ފެށުމާއެކު އިސްރާއީލުން ވަނީ ސަލާމަތީ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅައި، 55 އަހަރުން މަތީގެ ފިރިހެނުންނާއި 50 އަހަރުން މަތީގެ އަންހެނުންގެ އިތުރުން 12 އަހަރުން ދަށުގެ ކުދިން މިސްކިތަށް ވަނުން މަނާކޮށްފައެވެ.
މީގެ ކުރިން އީރާނާ އެކު ހިނގި 12 ދުވަހުގެ ހަނގުރާމައިގައި ވެސް މިސްކިތް ބަންދުކުރިއިރު، އެއީ 1967 ވަނަ އަހަރަށް ފަހު އެ މިސްކިތް ބަންދުކުރި އެންމެ ދިގު މުއްދަތެވެ.
މިދިޔަ ހޮނިހިރު ދުވަހު އިސްރާއީލާއި އެމެރިކާއިން އީރާނަށް ދިން ވައިގެ ހަމަލާތަކެއްގައި އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އިސް އޮފިޝަލުންތަކެއް ވަނީ އަވަހާރަކޮށްލާފައެވެ.
މީގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ދަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އިސްރާއީލަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.


