އިދިކޮޅު އެމްޑީޕީގެ ފަރާތުން އައްޑޫގައި އިސްވެ ހަރަކާތްތެރިވި ގިނަ ފަރާތްތަކެއް ސަރުކާރު ހިންގާ ޕީއެންސީއާ ރޭ ގުޅިއްޖެއެވެ.
އެމީހުންގެ ފޯމު ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ރޭގައި ހަވާލުކުރީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި އައްޑޫން ވާދަކުރާ ކެންޑިޑޭޓުން މާލޭގައި ބޭއްވި ހާއްސަ ޖަލްސާގައެވެ.
އެގޮތުން ޕީއެންސީއާ އަލަށް ގުޅުނު، ކުރީގެ އެމްޑީޕީގެ މެންބަރުންގެ ތެރޭގައި ހިމެނެނީ:
° އެމްޑީޕީގެ އައްޑޫގެ ކުރީގެ ރައީސް އަހުމަދު އަދުހަމް
° އެމްޑީޕީގެ ފޭދޫ ދާއިރާގެ ކުރީގެ ރައީސް އަބްދުﷲ ސައީދު
° އެމްޑީޕީގެ ފޭދޫ ދާއިރާގެ ކުރީގެ ނައިބު ރައީސް މުހައްމަދު ސައީދު (ދަގޭ)
° އަންހެނުންގެ ތަރައްގީގެ ކޮމިޓީގެ މިހާރުގެ ވެސް މެމްބަރު ހައްވާ ޒާހިރާ
° އެމްޑީޕީގެ ފަރާތުން ލަންކާގައި ހަރަކާތްތެރިވި އިސް އެއް މެމްބަރު ފާތިމަތު ޝިޔާމާ
° އެމްޑީޕީގެ ފޭދޫ ދާއިރާގެ ކުރީގެ ކައުންސިލަރު އަހުމަދު ރިފްހާން
އާޓިފިޝަލް ބީޗު ސަރަހައްދުގައި ރޭ ބޭއްވި އެ ޚާއްސަ ޖަލްސާގައި މި ނޫނަސް އިތުރު ފަރާތްތަކުން ޕީއެންސީއަށް ގުޅިފައިވެއެވެ.




