ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދިވެއްސަކާއި އިންޑިއާ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ގައްދޫ، ހިތިލާގެ / ޢަލީ ޢިރުފާނު (28އ) އާއި ދަނޫޝްކާނދަން ގޯޕާލް، އިންޑިއާ (19އ) އާއި ކަތިރިވިލް މަނިމަރަން، އިންޑިއާ (21އ) އެވެ.
ފުލުހުން ބުނީ މި ތިން މީހުންނަކީ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓައި، ފުލުހުންނާ ހަވާލުކުރި ތިން މީހުން ކަމަށެވެ.
އެމީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، ވިއްކައި، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މި މަހުގެ 3 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ޢިރުފާނު ޝަރީއަތް ނިމެންދެން އަދި އިންޑިއާ ދެ މީހުން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




