އެމެރިކާއަށް ބާރުގަދަ ތޫފާނެއް އަރައި 12 މީހުން މަރުވެއްޖެއެވެ.
މި ތޫފާން އަރާފައި ވަނީ ހުކުރު ދުވަހު މިޝިގަންގެ ދެކުނަށެވެ.
މި ތޫފާނުގައި 12 މީހުން މަރުވުމުގެ އިތުރުން އެތައް ބަޔަކު ޒަހަމްވެ، އެތައް ގެއެއް ހަލާކުވެ އެތައް ސަތޭކަ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ކެނޑިފައިވާ ކަމަށް ލޯކަލް އޮތޯރިޓީތަކުން ބުނެއެވެ.
މި ތޫފާނުގައި ގިނަ އަދަދެއްގެ ގަސްތައްވެސް ވަނީ ބިންދައިގެން ގޮސްފައެވެ. އޭގެ އިތުރުން ކަރަންޓު ލައިންތައް ވެއްޓި، އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ބައެއް ގެތަކުގެ ފުރާޅުތައް އެއްކޮށް ވަނީ ވަޔާ ބުރައިގެން ގޮސްފައެވެ.
މީސް މީޑިއާގައި ޓައުންތަކަށް މި ތޫފާން އަރާ ވީޑިއޯތައް ދައުރުވަމުންދާއިރު، އެ ވީޑިއޯތަކުން ބޯކޮށް ވިއްސާރަ ވެހޭ މަންޒަރާއި އިމާރާތްތަކުގެ ފުރާޅުތައް ވެއްޓިފައިވާ ތަނާއި، ވެއްޓިފައިވާ އިމާރާތްތަކުގެ ބައިތައް ވަޔާދާ މަންޒަރު ފެނެއެވެ. ލޯކަލް މީޑިއާގެ ފޫޓޭޖުތަކުން ހަލާކުވެފައިވާ އިމާރާތްތަކާއި ކާރުތަކާއި ގަސްތައް ވެސް ފެނެއެވެ.
ނޭޝަނަލް ވެދަރ ސާވިސް (އެންޑަބްލިއުއެސް) އިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ހަފްތާ ބަންދުގެ ނިޔަލަށް އެ ސަރަހައްދުތަކުގެ މޫސުން ގޯސްވާނެއެވެ.




