ކުދިންނަށް ދެ އަހަރު ވަންދެން، މުސާރައިން ނުކެނޑޭ ގޮތަށް އަންހެން މުވައްޒަފުންނަށް ދުވާލަކު ދެ ފަހަރަށް ބައިގަޑިއިރުގެ ހުސް ވަގުތުކޮޅެއް ލިބޭ ގޮތް ހެދުމަށް ވަޒީފާއާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ އިއްތިފާގުން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހަށް އެ އިސްލާހު ހުށަހެޅުއްވީ، މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒެވެ. ގާނޫނުގައި މީގެކުރިން އޮންނަނީ، ދުވާލަކު ދެ ފަހަރަށް ބައިގަޑިއިރުގެ ހުސްވަގުތު ލިބޭނީ ކުއްޖާއަށް އަަހަރެއް ވަންދެން ކަމަށެވެ.
އެގޮތުން، އަންހެން މުވައްޒަފުން ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީއަށް ފަހުގައި، ވަޒީފާއަށް ނިކުންނަ ދުވަހުން ފެށިގެން ކުއްޖާއަށް ދެ އަހަރު ވަންދެން 30 މިނެޓުގެ ހުސްވަގުތުކޮޅެއް ދުވާލަކު ދެ ފަހަރަށް ދިނުމަށް ވަނީ އެ ބިލުގައި ހިމަނާފައެވެ. އެއީ، މުސާރައިން ނުކެނޑޭ ގޮތަށް، ކުއްޖާގެ ކަންކަން ކޮށްދިނުމަށް ދޭ ވަގުތުކޮޅެއް ކަމަށް ބިލުގައި ވަނީ ބުނެފައެވެ.
އެ އިސްލާހު މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 62 މެންބަރުންގެ އިއްތިފާގުންނެވެ.
އެ ބިލަށް ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ސަމީރު އިސްލާހެއް ހުށަހެޅުއްވިއެވެ. އޭނާ ހުށަހެޅުއްވީ 30 މިނެޓުގެ ބަދަލުގައި އެ ވަގުތު 45 މިނެޓަށް ދިގު ކުރުމަށެވެ. ނަމަވެސް ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ އިދިކޮޅުން ހުށަހެޅި އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ނިންމާފައެވެ.




