ޣައްޒާގެ ރަފަހްގައި މިހާރު އިޒްރޭލުގެ އަސްކަރީން ކުރިޔަށްގެންދާ އޮޕަރޭޝަން ވަގުތުން ހުއްޓާލުމަށް ޔޫރަޕިއަން ޔޫނިއަން(ޢީޔޫ) އިން ގޮވާލައިފި އެވެ.
އީޔޫގެ ފަރާތުން އެޖަމާއަތުގެ ޚާރިޖީ ސިޔާސަތާއި ބެހޭ އިސްވެރިޔާ ޖޯސެފް ބޮއްރެލްގެ ނަމުގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ރަފަހްގައި މިހާރު އިޒްރޭލުން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނުންގެ ސަބަބުން، އެއަވަށުގައި ތިބި މަދަނީންނަށް އިންސާނީ އެހީ ފޯރުވައިދިނުމަށް ހުރަސް އެޅުމުގެ ސަބަބުން ގިނަ ބަޔަކު ބަނޑަށްޖެހި، ހާލުގައި ޖެހިދާނެކަމަށެވެ. އެހެންކަމުން އިޒްރޭލުގެ އަސްކަރީ އޮޕަރޭޝަން ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލައި، އަދި އީޔޫގެ ގޮވާލުމަށް އިޖާބަ ނުދީފިނަ އީޔޫއާއި އިޒްރޭލާ ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރާނެކަމުގެ އިންޒާރުދީފައި ވެއެވެ.
އީޔޫއިން ބުނީ، އިޒްރޭލުގެ އަސްކަރި އޮޕަރޭޝަނާއި ގުޅިގެންނާއި، އަދި އިޒްރޭލުގެ އަމުރަށް، މަޖުބޫރު ހާލަތުގައި އަމިއްލަ ގެދޮރު ދޫކޮށް ރަފަހްގެ އެތައް މިލިއަން އާންމު ރައްޔިތުން އެހެން ސަރަހައްދުތަކަށް ދާންޖެހުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ އަމަލެއް ނޫންކަމަށެވެ. އަދި އިޒްރޭލުން ބައިނަލްއަގުވާމީ މުއާހަދާތަކާއި، ގާނޫނުތަކާއި ޚިލާފަށް، އިންސާނީ އެހީ ވެއްދުމަށް ހުރަސްއަޅަމުންދާ ދިއުން ކުށްވެރިކޮށްފައި ވެއެވެ.
އީޔޫއަކީ ފަލަޞްޠީނަށް އެންމެ ގިނައިން ފަންޑުކުރާ ގައުމެވެ. އަދި އިޒްރޭލުގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާއެވެ.
އިސްރޭލުން މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުން ފެށިގެން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި 35،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. މީގެތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އަދި އެއްމިލިއަނަށްވުރެ ގިނަ މީހުންވަނީ ގެދޮރުގެއްލި ހާލުގައި ޖެހިފަ އެވެ.



