އީރާނުގެ އެންމެ މަތީ ރޫހާނީ ލީޑަރުގެ މަގާމަށް، އަވަހާރަކޮށްލާފައިވާ އާޔަތުﷲ އަލީ ޚާމަނާއީގެ ދެވަނަ ފިރިހެން ދަރިކަލުން މޮޖްތަބާ ޚާމަނާއީ އިންތިހާބުކޮށްފި ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފިއެވެ.
އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާ ގުޅިގެން ދިން ވަރުގަދަ ހަމަލާތަކެއްގައެވެ.
މި ހަމަލާތަކުގައި އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ ޚާމަނާއީގެ ގަނޑުވަރަށް އަމާޒުކޮށް ދިން ހަމަލާތަކުގައި އެ ތަން ވަނީ އެއްކޮށް ސުންނާފަތިވެފައެވެ.
ހަމަލާ ދިން ދުވަހު އީރާނުގެ ރަސްމީ އިދާރާތަކުން ފުރަތަމަ ބުނަމުންދިޔައީ ހަމަލާދިން ވަގުތު ޚާމަނާއީ ގަނޑުވަރުގައި ނޫޅުއްވާ ކަމަށެވެ. ނަމަވެސް، އޭގެ ފަހުން އީރާނުން ވަނީ ޚާމަނާއީ އަވަހާރަވެފައިވާކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ. މި ހާދިސާއާ ގުޅިގެން އީރާނުގެ ދެން އަންނާނެ ލީޑަރަކާ މެދު ބައިނަލްއަގުވާމީ މުޖުތަމައުގައި ބޮޑެތި ސުވާލުތަކެއް އުފެދިފައި އޮތެވެ.
އާ ރޫހާނީ ލީޑަރަކަށް އައްޔަންކުރެވުނު މޮޖްތަބާ ޚާމަނާއީއަކީ އީރާނުގެ ސިޔާސީ އަދި ދީނީ ދާއިރާގައި ނުފޫޒުގަދަ ބޭފުޅެކެވެ.




