ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ނުބޭއްވުމަކީ ގާނޫނުއަސާސީ އިސްލާހުކުރިއިރު ރައްޔިތުންގެ ހާއްސަ މަޖިލިހުގައި ތިއްބެވި މެމްބަރުންގެ ވިސްނުމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ރޭގައި ވިދާޅުވެއްޖެއެވެ.
މެންބަރު ނާޒިމް އެހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޕީއެންސީން މާލޭގައި ރޭގައި ބޭއްވި ކެމްޕެއިން ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މެންބަރު ނާޒިމް ވިދާޅުވީ، ފެންނަ ނުފެންނަ ވޯޓަކުން ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ފަހު، އިންތިހާބުތައް ތަރުތީބު ކުރުން ނުވަތަ އިންތިހާބުތައް ބާއްވާނެ ތާރީހުތައް ކަނޑައެޅުމުގެ ބަހުސް ވެސް އޮތީ މަޖިލިހުގައި މީގެކުރިން ކޮށްފައި ކަމަށެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން މަޖިލިހަށް ހުށަހެޅުމެއް ކުރިން ހުށަހަޅައި ވޯޓަށް ވެސް އެހި ކަމުގައި ނާޒިމް ވިދާޅުވިއެވެ.
”އެހެންވީމާ މިއީ ކުރެވިފައި ނެތް ބަހުސެއް ނޫން. މިއީ ކުރެވި، ނިމިފައި އޮތް ބަހުސެއް، އޭރު ރައްޔިތުން ނިންމެވީ އެގޮތަށް،“ މަޖިލިހުގެ ނައިބު ރައީސް ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ގާނޫނުއަސާސީ ތަސްދީގު ކުރުމަށް ފަހު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދެމެދު ފަރަގުތަކެއް އައީ ގިނަ މުއައްސަސާތަކެއް އުފެދި އަދި އާ ގާނޫނުތަކެއް ވުޖޫދަށް ގެނެސް އެ ގާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ނުހެދި ދިގުލައިގެން ދިއުމުން ކަމަށެވެ.



