ޕެންޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓަރުގެ މެންބަރަކު ހޯދަން ތިންވަނަ ފަހަރަށް، އެ އޮފީހުން އިއުލާނުކޮށްފިއެވެ.
ޕެންޝަން ބޯޑުގައި ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރައްވާ މެންބަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ސަރުވަޝް އާދަމް، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 22ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.
ޕެންޝަން އޮފީހުން ގެޒެޓުގައި ހާމަކޮށްފައިވާ ގޮތުގައި، އެ އިދާރާގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރާ ހަތަރު މެންބަރުންގެ ތެރެއިން އެއް މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި، ޝޯޓްލިސްޓުކުރަން ބޭނުންވާ އަދަދަށް އެކަށީގެންވާ ވަރަށް ތަރުހީބެއް ނުލިބުނެވެ.
ޕެންޝަން ބޯޑުގައި ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރާ މެންބަރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭ ހިމެނެނީ، ވިޔަފާރި، އިގުތިޞާދީ، ނުވަތަ ގާނޫނީ ރޮނގުން ދަށްވެގެން ފުރަތަމަ ޑިގުރީ ހާސިލްކޮށްފައިވުމާއި، ޕެންޝަން ނުވަތަ އިންވެސްޓްމެންޓްގެ ދާއިރާގެ ތަޖުރިބާ ހުރުމާއި، ސަރުކާރުގައި ވަޒީފާ އަދާކުރާ މީހަކަށް ނުވުމާއި، ސަރުކާރުން 50 އިންސައްތައިން މަތީ އަދަދަކަށް ހިއްސާވާ ކުންފުންޏެއްގެ މުވައްޒަފަކަށް ނުވުމެވެ.
މެންބަރުކަމަށް އެދޭއިރު، ވަނަވަރާއި ސިޓީއާއެކު ގުޅުންހުރި ލިޔެކިއުންތައް ހުށަހަޅަން އެ އޮފީހުން އެދެއެވެ.
ޕެންޝަން އޮފީހުން ވަނީ، މިމަހުގެ 29ވަނަ ދުވަހުގެ މެންދުރު ދޭއް ޖެހުމުގެ ކުރިން ވަޒީފާއަށް އެދި އީމެއިލްކުރުމަށް، ނުވަތަ އޮފީހަށް ފޯމު ހުށަހެޅުމަށް އެދިފައެވެ.



