މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން އީރާނުން ބަހްރެއިނަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާތަކުގައި 32 މީހުން ޒަހަމްވެއްޖެއެވެ.
ބަހްރެއިންގެ ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ހަމަލާ އަމާޒުވެފައިވަނީ އެ ގައުމުގެ ސިޓްރާ ސަރަހައްދަށެވެ.
ހެލްތް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، ޒަހަމްވި 32 މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭއިރު، ހަތަރު މީހެއްގެ ހާލު ވަރަށް ސީރިއަސްއެވެ. އަނިޔާވި ކުޑަކުދިންގެ ތެރޭގައި ބޮލަށާއި ލޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ 17 އަހަރުގެ އަންހެން ކުއްޖަކާއި، ހަތް އަހަރާއި އަށް އަހަރުގެ ދެ ކުދިންގެ އިތުރުން ދެ މަހުގެ ތުއްތު ކުއްޖަކު ހިމެނޭކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ބަހްރެއިންގެ ކަމާބެހޭ ފަރާތްތަކުން ބުނީ ޒަހަމްވި އެންމެންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ހާއްސަ މެޑިކަލް ޓީމުތަކުން ފަރުވާގެ ކަންކަން ކުރިއަށްގެންދާ ކަމަށެވެ. މި ނުރައްކާތެރި ހަމަލާއާ ގުޅިގެން އެ ގައުމުގެ ސިއްހީ ނިޒާމު މިހާރު އޮތީ ”ހައި އެލާޓް“ ގައެވެ.
މި ހަމަލާއަކީ އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދަން އުޅޭ ކަމުގެ ތުހުމަތުގައި އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ހަމަލާއެކެވެ.
އީރާނުން ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ މެދުއިރުމަތީގެ ގައުމުތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު މީގެ ކުރިން ދީފައެވެ.




