ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ހިދުމަތްތަކާމެދު ދެއުޅިއެއްނުވާ ވާހަކަ ދެއްކުމަކީ ޣައިރު ޒިންމާދާރުކަމެއް ކަމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހުސާން މިފަދައިން ވިދާޅުވީ، އައްޑީ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި އެތަނުގައި ޕަވަރ ސްޓޭޝަނެއް ގާއިމް ކުރުމަށް ފެނަކައިން އިއްޔެ ކުންފުންޏަކާ ހަވާލު ކުރުމުން، އެކަމާ ނުރުހުން ފާޅުކޮށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.
އައްޑޫގެ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް އެ ސިޓީގައި ޤާއިމްކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަން (ސީ.ޕީ.އެސް) ޤާއިމްކޮށް ނިންމުމަށް ހަވާލުކޮށްފައިވަނީ، ޑެފިނިޓް ސޮލިއުޝަންސް ކުންފުންޏާއެވެ. އެ އެއްބަސްވުމުގައި އިއްޔެ ސޮއި ކޮށްފައިވާއިރު އެ މަސައްކަތް ހަވާލުކޮށްފައިވަނީ 31 މިލިއަން ޑޮލަރަށް، އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށެވެ.
މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް މޭޔަރު ނިޒާރު ސޯޝަލް މީޑިއާގައި މިއަދު ވިދާޅުވެފައިވަނީ، އެއީ އައްޑޫ ރައްޔިތުންނަށް އޮޅުވާލުން ކަމަށާއި އެފަދަ ކަންކަން ބަލައިނުގަނެވޭނެ ކަމަށެވެ.
”ގޮތް ނޭނގޭ މީހަކު ގެނެސް ހުސްގަނޑެއްގައި ސޮއި ކުރުވުމުގެ އިތުރުން، އެތައް މިލިއަން ޑޮލަރުގެ އަގުހުރި މި މަސައްކަތް އެއްވެސް ތަޖުރިބާއެއް ނެތް މި ކުންފުނީގެ އެއްވެސް ތަފްސީލެއް ނޭނގޭ ބަޔަކާ މި ހަވާލު ކުރަނީ، އައްޑޫ ބްރިޖް އަޅަން ފޭކު ބަޔަކާއި ހަވާލުކުރި ބީދައިން“ މޭޔަރު ނިޒާރު ވިދާޅުވިއެވެ.
ނިޒާރުގެ އެ ޕޯސްޓަށް ރައްދު ދެއްވައި މިނިސްޓަރު އިހުސާން މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވީ، މައުލޫމާތު ރަނގަޅަށް ނޭނގޭ ކަންކަމުގައި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ހިދުމަތްތަކާމެދު ދެއުޅިއެއްނުވާ ވާހަކަ ދެއްކުމަކީ ޣައިރު ޒިންމާދާރުކަމެއް ކަމަށެވެ.
”އައްޑޫ ރައްޔިތުން މިފަހަރު ވޯޓު ދެއްވާއިރު ވިސްނަން ޖެހޭ ކަމެއްމިއީ މޭޔަރު އަލީ ނިޒާރު މިއޮތީ ކަނޑައެޅިގެން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރައްވާފަ. ފަސް އަހަރުގެ ވެރިކަމަކާއި 5 އަހަރުގެ ސިޓީ މޭޔަރުކަން ނިމުނުއިރު އައްޑޫ ކަރަންޓު މައްސަލަ ދާއިމަށް ހައްލު ނުވީމަ އެކަމުގެ ޒިންމާ ނަންގަވާ ފަހަތަށް ޖެހިވަޑައިގަތުން ރަނގަޅު“ މިނިސްޓަރ އިހުސާން ވިދާޅުވެފައިވެއެވެ.
އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް، އަލަށް މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، ސީ.ޕީ.އެސް ފުރިހަމަކުރަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއްގެ އިތުރުން، އިންޖީނުތައް ބަހައްޓައި އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ. ދުބާއީގައި ރެޖިސްޓްރީކޮށްގެން ހިންގާ ޑެފިނިޓް ސޮލިއުޝަންސްއަކީ، ދުބާއީގެ އިތުރުން މެދުއިރުމަތީގެ ޤައުމުތަކުގައި މިފަދަ ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާ އަދި ހިންގަމުންގެންދާ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ.




