ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު މިދިޔަ މަހު ފުލުހުން ހައްޔަރުކުރި ބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލާގައި އެޗްއާރުސީއެމްގެ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ފުލުހުން ރޭގައި ބުނެފިއެވެ.
ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު މިދިޔަ މަހުގެ 20 ގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 36 އަހަރުގެ ހަނީފް އެވެ.
ހަނީފަށް ފުލުހުން އަނިޔާކުރި ކަމަށް ބުނެ އޭނާ އަމިއްލަ އަށް އެޗްއާރުސީއެމަށް ހުށަހެޅި މައްސަލައާ ގުޅިގެން ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަންދޭ ކަަމަށެވެ.
އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަން އެޗްއާރުސީއެމްގެ ފަރާތުން އަންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ހަނީފްގެ ތުހުމަތުތަކާ ގުޅިގެން މިހާތަނަށް ބެލިބެލުމުން އެފަދަ ކަމެއް ހިނގާފައިވާ ކަން ފާހަގަައެއް ނުވެއެވެ.
”މި ތުހުމަތުތަކާ ގުޅިގެން ބެލިބެލުމުން، އެ މީހާ ބަންދުކުރުމުގެ މަރުހަލާގައި ނުވަތަ ބަންދުގައި ހުރި މުއްދަތުގައި ވެސް، އަނިޔާއެއް ލިބިފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް ކޮށްފައެއް ނުވޭ. އަދި ބަންދުގެ އިޖުރާއަތްތަކުގެ ތެރެއިން މައުލޫމާތު ސާފުކުރިއިރު ވެސް އަނިޔާގެ އެއްވެސް ވާހަކައެއް ހިއްސާކޮށްފައި ނުވާކަމާއި ޑޮކްޓަރަށް ދެއްކުމަށް އެދިފައި ނުވާކަން ފާހަގަކުރަން،“ ފުލުހުންގެ މެސެޖުގައި ވެއެވެ.
މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ މަހު ހައްޔަރުކުރީ ހަނީފްގެ އިތުރުން ގއ. މާމެންދޫ، ފިޔާތޮށިވިލާ، އަޒުހަދު ނަސީމް، 28 އެވެ.




