ބަލި މީހުންގެ ނަމުގައި ހިންގާ މެޑިކަލް ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.
މި ފަހަކަށް އައިސް ބަލި މީހުންގެ ނަމުގައި އެހީއަށް އެދި ސޯޝަލް މީޑިއާގައި ޖަހާ ޕޯސްޓުތައް އިތުރުވަމުން އަންނަ ކަމަށާއި ނަމަވެސް އޭގެތެރެއިން ގިނަ ޕޯސްޓުތަކަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ ސްކޭމް ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުންޏެވެ.
އެ ސެންޓަރުން ބުނީ އެކި ވެބްސައިޓުތަކުން ބަލި މީހުންގެ ފޮޓޯ ނަގައިގެން ބޭނުންކޮށް މީހުންގެ އިހުސާސްތަކާ ކުޅެން މަސައްކަތްކުރާ ކަމަށެވެ. އެގޮތުން ބައެއް ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ބޮޑެތި ބަލިތައް ޖެހިފައިވާ ކަމަށް ބުނެ، މީހުންގެ ހަމްދަރުދީ ހޯދައިގެން މަކަރާ ހީލަތުން މީހުން އަތުން ފައިސާ ހޯދާކަމަށް ފުލުހުން ބުންޏެވެ.
އެ ސެންޓަރުން ބުނި ގޮތުގައި ފޯން ކޯލްތައް ބްލޮކްކުރުމަކީ ވެސް ސްކޭމަރުންގެ އުކުޅެކެވެ. ފުލުހުން ބުނީ ޕޯސްޓުގައިވާ ނަމްބަރަށް ގުޅުމުން ފޯނު ނުނެގިޔަސް މެސެޖު ކުރުމުން އެ މީހުން ޖަވާބުދޭ ކަމަށެވެ.
އެހެންވެ، އެކަމުން ރައްކާތެރިވުމުގެ ގޮތުން ގުޅައިގެން ޔަގީންކުރުމަށް އެދެ އެވެ. ފައިސާ ފޮނުވުމުގެ ކުރިން އެމީހުންނަށް ގުޅައި ވާހަކަ ދައްކަން އެދިފައިވެ އެވެ. އަދި އެ ފޮޓޯއަކީ ސައްހަ ފޮޓޯއެއްކަން ކަށަވަރުކުރުމުގެ ގޮތުން ރިސާޗު ކުރުމަށް އެދުނެވެ. އެކަން ކުރުމަށް ގޫގުލް ރިވާސް އިމޭޖް ސާޗް ބޭނުންކުރެވިދާނެ އެވެ.




