މުސާރައިގެ މައްސަލަތަކަކާ ގުޅިގެން ހުޅުމާލޭ ފޭސް 1ގެ ރެސްޓޯރަންޓެއްގައި މަސައްކަތް ބިދޭސީ މުވައްޒަފުންތަކެއް މިއަދު އިހުތިޖާޖުކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި އެމީހުން އިހުތިޖާޖު ކޮށްފައިވަނީ ހުޅުމާލޭ ރިވެލި ބީޗު ކައިރީގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ، ހުޅުމާލެ ފޭސް 1 ގައި ހުންނަ ރެސްޓޯރެންޓެއްގެ ބައެއް މުވައްޒަފުން، މުސާރައާ ގުޅޭ ކަންބޮޑުވުންތަކެއްގެ ސަބަބުން މަސައްކަތް ހުއްޓާލައި އިހުތިޖާޖު ކުރާކަމުގެ މައުލޫމާތު މިއަދު 15:50 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި ރިޕޯޓާ ގުޅިގެން ފުލުހުން އެ ތަނަށް ގޮސް، އެ ރެސްޓޯރަންޓުގެ މުވައްޒަފުންނާއި މެނޭޖްމަންޓާ ބައްދަލުކޮށް މައުލޫމާތު ސާފުކުރުމުން، މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދާކަން އެނގިފައިވާ ކަމަށެވެ. އަދި އެ މުވައްޒަފުންގެ ކަންބޮޑުވުންތައް ކަމާބެހޭ އިދާރާތަކަށް މިހާރު ވެސް ހުށަހަޅާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ގާނޫނީ އުސޫލުތަކުގެ ތެރެއިން ހައްލުކުރުމަށް ފުލުހުން އެ ފަރާތްތަކަށް އިރުޝާދު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އަމަންއަމާންކަން ދެމެހެއްޓުމަށާއި ގާނޫނާ ހިފު އެއްވެސް ކަމެއް ނުކުރުމަށް ނަސޭހަތްތެރިވެފައިވާ ކަމަށް ވެސް ބުންޏެވެ.
އިހުތިޖާޖު ކުރުމުގައި އެއްވެސް ހަމަނުޖެހުމެއް ނުވަތަ ގާނޫނާ ހިލާފު ކަމެއް ހިނގާފައިވާކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.




