ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ’އާއިލީ ބޯހިޔާވަހިކަން‘ ޕްރޮގްރާމުގެ ދަށުން ދޫކުރާ ފްލެޓުތަކަށް ކުރިމަތިލުމަށް ހާއްސަ ކެޓަގަރީއެއްގެ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ ހަމަޖައްސައި އެ ކެޓަގަރީއަށް ވަކިން ފޯމު ހުށަހަޅޭ ގޮތް މިއަދު ހަދައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ވަނީ އެ ކެޓަގަރީއަށް ވަކިން އެޕްލިކޭޝަން ހުށަހެޅޭ ގޮތް ހަދާ، އެ ކެޓަގަރީގެ ޝަތުރުތަކާއި އެޕްލިކޭޝަން ހުށަހަޅާނެ ގޮތް އަދި ޕޮއިންޓު ދިނުމުގެ އުސޫލު އާންމުކޮށްފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީއަށް މި އުސޫލުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅަން ހުޅުވާލާނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. އެ ފުރުސަތު އަންނަ އޭޕްރިލް މަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ހައުސިން މިނިސްޓްރީގެ ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށެވެ. މި ކެޓަގަރީ އަށް ހާއްސަކޮށްފައިވަނީ 100 ފްލެޓެވެ.
މީގެ ކުރީގެ އުސޫލުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމަނާފައި އޮތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ހާއްސަ އިސްކަންދޭ ކެޓަގަރީތަކުގެ ތެރޭގަ އެވެ. މިހާރު މި ވަނީ މިއީ ވަކި ކެޓަގަރީއެއްގެ ގޮތަށް ހަމަޖައްސައިފައެވެ.




