އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ވަކިވާން އީރާނުން ނިންމައިފިއެވެ.
މިއަދު ދައުލަތުގެ މީޑިއާއަށް ދެއްވި ބަޔާނެއްގައި އީރާނުގެ ކުޅިވަރާބެހޭ މިނިސްޓަރު ވިދާޅުވީ، ކޮރަޕްޓްވެފައިވާ އެމެރިކާގެ ސަރުކާރުން އީރާނުގެ ރޫހާނީ ލީޑަރު، އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވާތީ، އެއްވެސް ހާލެއްގައި އެމެރިކާގައި ބާއްވާ ވޯލްޑް ކަޕެއްގައި އީރާނުން ބައިވެރި ނުވާނެ ކަމަށެވެ.
ޖޫން މަހުގެ 11 އިން ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި މުބާރާތުން އީރާން މިއަދު ވަކިވި އިރު، އެ ޤައުމަކީ މުޅި އޭޝިއާ ބައްރުގައި އޮތް އެންމެ ވަރުގަދަ އެއް ޓީމެވެ.
ޖުމްލަ 48 ޓީމު ވާދަކުރާ މިފަހަރުގެ ވޯލްޑް ކަޕްގައި އީރާން ހިމެނިފައިވަނީ ބެލްޖިއަމް، މިޞްރު އަދި ނިއުޒީލެންޑާއެކު ގްރޫޕް ޖީ ގައެވެ. މުބާރާތް ފެށެން ކައިރިވެފައި ވަނިކޮށް އީރާނުން މި ނިންމުން ނިންމުމާ ގުޅިގެން، އެ ޤައުމު ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
އީރާނުން މުބާރާތުން ވަކިވުމާ ގުޅިގެން ހުސްވި މަޤާމަށް ދެން އަންނާނެ ޓީމަކާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. ބެލެވޭ ގޮތުގައި އީރާނުގެ ބަދަލުގައި ޢިރާޤު ނުވަތަ އެކުވެރި ޢަރަބި ޢިމާރާތަށް މުބާރާތުން ފުރުޞަތު ލިބުމުގެ ފުރުޞަތު ބޮޑެވެ.
މިކަމާ ގުޅޭގޮތުން ފީފާއިން އަދި ވަކި ގޮތެއް ނިންމާފައި ނުވާއިރު ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ ވަނީ، އެމެރިކާގެ ރައީސް ޓްރަމްޕް އީރާންގެ ވޯލްޑްކަޕް ޓީމަށް މަރުހަބާ ކިޔާނެ ކަމަށް ބުނެފައެވެ.




