މެދިއިރުމަތީގައި މިހާރު އީރާނާ ދެކޮޅަށް އެމެރިކާއާއި އިޒްރޭލުން ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން މިފަހަރުގެ ފިތުރު އީދުގެ ދިއްލުންތައް ރަށްރަށުގައި ނުދިއްލަން ސަރުކާރުން ނިންމައިފިއެވެ.
ހަނގުރާމައާ ގުޅިގެން އެކުލަވައިިލައިފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ހާމަކުރެއްވީ ކޮމިޓީ ޗެއާކުރައްވާ، ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ، އީދަށް ބޮކިފަތި ދިއްލުމާ ބެހޭ ގޮތުން ކެބިނެޓުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ކެބިނެޓުން ނިންމީ ރަށްރަށުގައި އީދަށް ބޮކި ނުދިއްލައި، މާލޭ ހިމެނޭހެން ހުރިހާ ސިޓީތަކެއްގައި ދިއްލުން ދިއްލަން ކަމަށް ވިދާޅުވިއެވެ.
”އެވެސް ކަނޑައެޅޭ ވަކި ލޮކޭޝަންތަކެއްގައި“ މިނިސްޓަރ ޚަލީލް ވިދާޅުވިއެވެ.
މީގެއިތުރުން، ސިޓީތަކުގައި ވެސް ދިއްލުންތައް ހުރިހާ ސަރަހައްދެއްގައި ނުދިއްލާނެކަމަށާއި، ދިއްލުން ދިއްލާނީ ވަކި ސަރަހައްދުތަކެއްގައިކަމަށް މިނިސްޓަރ ޚަލީލް ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ޚަރަދުކުޑަކުރުމަށް ސަރުކާރުގެ ތެރެއިން މިހާރު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ފިޔަވަޅުތައް އަޅައި، ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަކަމުގެ ޔަގީންކަން ވަނީ ދެއްވައިފައެވެ.




