އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވާ، ލޯކަލް ކައުންސިލް އިންތިހާބާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި 6000 އާއި 7000 އާ ގާތް ކުރާ އަދަދަކަށް އޮފިޝަލުން ބައިވެރިވާނެ ކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އީސީގެ ރައީސް ވިދާޅުވީ ގާތްގަނޑަކަށް 6000 އާއި 7000 އާ ގާތްކުރާ އަދަދަކަށް މި އިންތިހާބުތަކުގައި އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށެވެ.
ޒާހިދު ވިދާޅުވީ އިންތިހާބު ފެށުމުގެ ކުރިން އޮފިޝަލުންނަށްދޭ ޓްރެއިނިންގް ދުވަސްތަކާއި އިންތިހާބު އޮންނަ ދުވަހުގައި އެ އައަދަަށް އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށެވެ.
”އިންތިހާބުގެ ކަންކަން ނިމެންދެން އެބޭފުޅުން ވާނީ އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންނަށް. އަޅުގަނޑު އުންމީދު ކުރަނީ މަސައްކަތް ނިމެންދެން އެހުރިހާ މުވައްޒަފުން ވެސް މަސައްކަތް ކުރާނެ ކަމަށް“ އީސީގެ ރައީސް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން އައްޔަނު ކުރުމުގެ އިތުރުން، އެދުވަހު ނެގުމަށް ހަމަޖެހިފައިވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމާމެދު ރައްޔިތުންނަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ އިންތިހާބެވެ.



