މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 2 އިން އުމުރުން 26 އަހަރު ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ލުބޯމާގެ / މާލެ، އަހްމަދު ހަމްދާން ކަމަށެވެ.
ހަމްދާން ހައްޔަރު ކޮށްފައިވަނީ މާރިޗު 12 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2ގެ ފުލުހުން ޕެޓްރޯލު ކުރުމުގެ ތެރޭގައި ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައި ފާސްކުރުމަށްފަހު ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި ސެލޯފިން ކޮޅެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހަމްދާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާ ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރައްވަމުންނެވެ.



