ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ހުޅުމާލެ ދެކުނު ދާއިރާ ކެމްޕެއިން ޖަގަހަ ރޭގައި ރަސްމީކޮށް އިފްތިތާޙް ކޮށްފިއެވެ.
އެ ޖަގަހަ އިފްތިތާހު ކޮށްފެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު އެވެ.
މި ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެ ދާއިރާގެ ކައުންސިލް ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓް ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އޭގެ އިތުރުން ބައެއް މިނިސްޓަރުންނާއި ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކެންޑިޑޭޓުން ވަނީ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، ޖަގަހަ ހުޅުވައިދެއްވިކަމަށްޓަކައި ފަސްޓްލޭޑީ ސާޖިދާ މުޙައްމަދަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ ސަރުކާރު ހިންގާ ޕީއެންސީންނެވެ. އެ ޕާޓީން މިހާރުވެސް ވަނީ އިންތިޚާބަކާ ނުލައި 70 ގޮނޑި ކަށަވަރުކޮށްފައެވެ.
އޭގެ ތެރޭގައި ކައުންސިލްތަކުގެ ރައީސުންގެ ގޮނޑިތައްވެސް ހިމެނެއެވެ.
ޕީއެންސީން އަންނަނީ މި އިންތިހާބަށް ވަރަށް ވަރުގަދަ ކެމްޕެއިން ހަރަކާތްތަކެއް މުޅި ރާއްޖޭގައި ހިންގަމުންނެވެ.




