މައްސަރުކަންތަކުގެ ޗުއްޓީއެއްގެ ގޮތުގައި އިންޑިއާގެ ބައެއް ކުންފުނިތަކުން މިހާރު ވެސް ޗުއްޓީދެމުން ދިޔަނަމަވެސް، އެފަދައިން ޗުއްޓީ ދޭނަމަ ވަޒީފާއަށް އަންހެނުން ނުނަގާފާނެ ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓަކުން ވަނީ ނިންމާފައެވެ.
އިންޑިއާގެ އުއްތަމަފަނޑިޔާރު ސުރްޔާ ކާންޓް ހިމެނޭ ދެ ފަނޑިޔާރުންގެ ބެންޗުން ނިންމި ނިންމުމުގައި ބުނީ ވަޒީފާ އަދާކުރާ އަންހެނުންނާއި އަންހެން ދަރިވަރުންނަށް މައްސަރުކަންތަކުގެ ޗުއްޓީ ދޭން ކަނޑައަޅައިފި ނަމަ ވަޒީފާއަށް އަންހެނުން ނުނަގަފާނެ ކަމަށެވެ.
އޭގެ އިތުރުން އެހެން ބައެއް ކަންކަން ވެސް ދެ ފަނޑިޔާރުން ފާހަގަކުރެއްވި އެވެ. އެއީ މައްސަރުކަންތަކުގެ ޗުއްޓީ މަޖުބޫރު ކަމަކަށް ހަދައިފި ނަމަ ފިރިހެނުންނާ އެއްހަމައެއްގައި ވާދަނުކުރޭކަމަށް ޒުވާން އަންހެނުންނަށް ހީވުމެވެ. އަދި އެ މީހުންގެ ކުރިއެރުމަށް އެޅޭ ހުރަހަކަށް ވެސް ވުމެވެ.
މިއީ އިންޑިއާގައި ހިޔާލު ދެކަފި ވެފައިވާ މައްސަލައެކެވެ. ބައެއް މީހުން ސުޕްރީމް ކޯޓުގެ ނިންމުމަށް ތާއީދުކުރެ އެވެ. އަނެއް ބަޔަކު ބުނަނީ މައްސަރުކަންތަކުގެ ތަދު ތަހައްމަލްކުރަމުން ވަޒީފާއަށް ނުކުތުމުގެ ބަދަލުގައި ދެ ދުވަހުގެ ޗުއްޓީއެއް ދިނުމަކީ އަންހެން މުވައްޒަފުންނަށް އެހީއެއް ކަމަށެވެ.
އިންޑިއާގެ ބައެއް ސްޓޭޓްތަކާއި ބޮޑެތި ބައެއް ކުންފުނިތަކުން މިހާރު ވެސް އެ ޗުއްޓީ ދެއެވެ.



