އެމެރިކާއާއި އިޒްރޭލުން އީރާނަށް ހަމަލާ ދިނުމުން އެ ހަމަލާތަކަށް ރައްދު ދެމުން އީރާނުން ވެސް ދީފައިވާ ހަމަލާތަކާއެކު، މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައާ ގުޅިގެން މީސް މީޑިއާގައި މިދުވަސްކޮޅު އެންމެ ބޮޑަށް ދައުރުވަމުން އަންނަ އެއް ޚަބަރަކީ، ޔަހޫދީން އިޒްރޭލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ މި ހަމަލާތަކުގައި މިހާރު މަރުވެފައިވާ ކަމުގެ ޚަބަރެވެ.
އިންޑިއާގެ އިންޓެލިޖެންސް އޮފިސަރުންތަކެއް ކަމަށް ބުނާ ބަޔަކުވެސް މި ޚަބަރު މީސް މީޑިއާގައި ފަތުރަމުންދާއިރު، މިފަހަކަށް އައިސް އެއްވެސް ވީޑިއޯއަކުން ވެސް ނަތަންޔާހޫ ނުފެންނަކަން ބައެއް މީހުން ފާހަގަ ކުރަން ފެށިއެވެ. ނަމަވެސް އެފަދަ ބޮޑުކަމެއް ހިނގައިފިނަމަ، އިޒްރޭލުން ވެސް އަދި ދުނިޔޭގެ އެހެން ބޮޑެތި ނޫސް އޭޖެންސީތަކުން ވެސް އެ ޚަބަރު ރިޕޯޓު ކުރާނެ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރިއެވެ.
ނަމަވެސް ނަތަންޔާހޫ ދިރިހުރިކަމުގެ އެއްވެސް ނިޝާނެއްވެސް ފެންނަން ނެތުމުން، އޭނާ މަރުވެއްޖެކަމުގެ އަޑުތައް ގަދަވާން ފެށިއެވެ. އެހެންކަމުން އިޒްރޭލުން ވަނީ ނަތަންޔާހޫ ކަމަށް ބުނެ ވީޑިއޯއެއް އާންމު ކޮށްފައެވެ. ނަމަވެސް އެއީ ހަދާފާއިވާ ވީޑިއޯއެއް ކަމަށް ގިނަ މީހުންނަށް ޤަބޫލު ކުރެވުނެވެ. ސަބަބަކީ އެ ވީޑިއޯއިން ބައެއް ފަހަރު އޭނާގެ ދެއަތުން ވެސް 6 އިނގިލި ފެނިފައިވާތީއެވެ.
އެ ވީޑިއޯގެ އަޑުގަދަވުމުން އިޒްރޭލުން އިއްޔެ ވަނީ އިތުރު ވީޑިއޯއެއް އާންމުކޮށްފައެވެ. އޭގެން ދައްކާފައިވަނީ ނަތަންޔާހޫ ކަމަށް ބުނާ މީހަކު، ކޮފީ ޝޮޕެއްގައި ކޮފީ ބޮނިކޮށެވެ. އަދި މިފަހަރު 6 އިނގިލި ނެތްކަން ދައްކަން އޭނާގެ ދެ އަތްތިލަވެސް ވީޑިއޯއަށް ދައްކާ މަންޒަރު ފެނެއެވެ.

ނަމަވެސް މިފަހަރުގެ ވީޑިއޯގައި ވެސް ބައެއް އާދަޔާ ހިލާފު ކަންކަން ގިނަ މީހުންނަށް ވަނީ ފާހަގަވެފައެވެ. އެގޮތުން ވީޑިއޯއިން ފެންނަ ނަތަންޔާހޫއާއި އަސްލު ނަތަންޔާހޫގެ ބޮލުގެ އިސްތަށިގަނޑު ހުންނަ ގޮތާއި، އަތް ތިލައާއި ބުމަވެސް ތަފާތުކަން މީހުން ވަނީ ފާހަގަ ކޮށްފައެވެ. ނަމަވެސް އެ ވީޑިއޯއިން ގިނަ މީހުން އެންމެ ބޮޑަށް ފާހަގަ ކުރި އެއް ކަމަކީ، ވީޑިއޯއިން ނަތަންޔާހޫ ކޮފީ ބޯތަން ދެއްކި ކަމުގައިވިޔަސް، އޭނާ ހިފަހައްޓައިގެން ހުރި ތަށިން އެންމެ އެތިކޮޅެއް ވެސް މަދުނުވާކަމާއި ތަށީގައި ކޮފީ ހުރި ގޮތަށް ވެސް އެއްވެސް ބަދަލެއް ނައިސް ހުރުމެވެ.
އެހެންކަމުން ޔަހޫދީ ބޮޑުވަޒީރުގެ މަރާ ގުޅިގެން ދެކެވެމުންދާ ވާހަކަ މިވަނީ ބޮޑު ބަހުސަކަށް ވެފައެވެ. ތެދައް ބުނަންޏާ އޭނާ މަރުވެއްޖެކަމެއް ނުވަތަ ދިރިހުރިކަމެއް ވެސް ޔަގީންކޮށް ބުނާކަށް އަދި ނޭނގެއެވެ.



