މިއަހަރުގެ ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި ބާއްވާ ”ޢީދު ހަވީރު 1447“ ގެ ހަރަކާތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މުޢައްސަސާތަކުން ކުރިޔަށްގެންދާ ހަރަކާތްތައް ރާވާ ހިންގުމަށް، އެކަމުގެ ތައްޔާރީތައް ފަށައިފިއެވެ.
ފިތުރު ޢީދާއި ގުޅުވައިގެން ބާއްވަމުން އަންނަ ޢީދު ހަވީރުގެ ހަރަކާތްތައް އިސްކޮށއިންތިޒާމް ކުރަނީ އެމްއެންޑީއެފްއިންނެވެ. ނަމަވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މުޢައްސަސާތައް ހިމެނޭ ގޮތުން 12 ފަރާތަކުން މިފަހަރުގެ ފިތުރު ޢީދުގެ ހަރަކާތްތަކުގައި ބައިވެރިވެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ފުލުހުންނާއި އެސްޓީއޯއިން ”ޢީދު ހަވީރު 1447″އަށް ވަމުންދާ ތައްޔާރީތަކުގެ ތަފްސީލު ވަނީ ދީފައެވެ.
އެގޮތުން ފުލުހުންގެ ފަރާތުން މައުލޫމާތު ހިއްސާ ކުރައްވަމުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ފަރުހާދު ނަސީރު ވިދާޅުވީ، ފުލުހުންގެ ފަރާތުން ޤާއިމްކުރާ ސްޓޯލްތައް މިފަހަރު ޢީދު ފާހަގަކުރާ 4 ސަރަޙައްދުގައި ޤާއިމްކުރެވޭނެ ކަމަށެވެ. އެއީ މާލެ، ވިލިމާލެ، އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ކަމަށް ވެސް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ފުލުހުންގެ ފަރާތުން ޤާއިމްކުރާ ސްޓޯލްގައި ތަފާތު އެކި ކުޅިވަރުތައް ރާވާފައިވާ ކަމަށާއި، މިފަހަރުގެ ޢީދުގައި ކުޑަކުދިންނާއި އެއްވަރަށް ބޮޑެތި މީހުންނަށްވެސް ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ފަރުހާދު ވިދާޅުވިއެވެ.
އެސްޓީއޯގެ ފަރާތުން ކޯޕަރޭޓް މާކެޓިންގ އެންޑް ސީއާރްއެސް މެނޭޖަރ ފާތިމަތު ޝަރުވާ ވިދާޅުވީ، އެސްޓީއޯގެ ސްޓޯލް މިފަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި އެކަނި ކަމަށެވެ. އެ ސްޓޯލްގެ ހަރަކާތްތައް ރާވާފައިވަނީ، ހުރިހާ އުމުރުފުރާއަކަށްވެސް ބައިވެރިވެވޭނެ ގޮތަށް ކަމަށް ވިދާޅުވިއެވެ. ޝަރުވާ ވިދާޅުވީ، އެހެން އަހަރުތަކާއި ޚިލާފަށް މި އަހަރު އިންތިޒާމުތައް ތަފާތުވާނެ ކަމަށެވެ.
އެސްޓީއޯގެ ސްޓޯލް 3 ޒޯނަކަށް ބަހާލާފައި ވާނެ ކަމަށާއި، މިއިން ކޮންމެ ޒޯނެއްގައިވެސް ތަފާތު އެކި ކުޅިވަރުތައް ޚާއްޞަ ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ކުޅިވަރުތަކުގައި ބައިވެރިވާ ފަރާތްތަކަށް ޚާއްޞަ ޢީދު ހަދިޔާއެއް ލިބޭނެ ކަމަށް ފާތިމަތު ޝަރުވާ ވިދާޅުވިއެވެ.
ޢީދު ހަވީރު 3 ދުވަހަށް ކުރިއަށްދާނެއެވެ. އެއީ، ޢީދު ދުވަހާއި އެއާއި ވިދިގެން އަންނަ 2 ދުވަހެވެ. މި ހަރަކާތްތައް ކުރިއަށްދާނީ، ގްރޭޓަރ މާލޭގެ 4 ސަރަހައްދެއްގައެވެ. އެގޮތުން މިއަހަރު މުޅިން އަލަށް ވިލިމާލެ ޓާފް ދަނޑުގައި ޢީދު ހަވީރު ހަރަކާތް ކުރިއަށްދާނެއެވެ.




