މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، (މިފްކޯ) އިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުރިއެކޭ އެއްގޮތަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެން ރާއްޖޭގައިވެސް ތެލުގެ އަގުތަކަށް ވަނީ ބަދަލުތަކެއް އައިސްފައެވެ.
އެސްޓީއޯއިން އަމިއްލަ ވިޔަފާރިތަކަށް ވިއްކާ ތެލުގެ އަގު ބޮޑުކުރި ނަމަވެސް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މިއާއޮއެކު މިފްކޯގެ މަސްގަންނަ ސެންޓަރުތަކާއި ބޯޓުފަހަރުން ވިއްކާ ޑީސަލުގެ އަގަށްވެސް ބަދަލު ގެނެވުނުކަން އެ ކުންފުނިންވެސް އިއްޔެ ވަނީ އިއުލާންކޮށްފައެވެ.
މިފްކޯއިން ބުނީ، ސަރުކާރުން މަސްވެރިންނަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދާ ”ފަހި ހަކަތަ“ ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދީފައިވާ އަގުތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ކުރިއެކޭވެސް އެއްގޮތަށް ހަމަޖައްސާފައިވާތީ، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުރިން އޮތްގޮތަށް ދެމެހެއްޓުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.
މި ބަދަލާއެކު، މިމަހުގެ 5 ގައި މިފްކޯއިން އިއުލާންކުރި އަގުތައް ދެމިއޮންނާނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.
މިފްކޯއަށް މަސްކިރާ އުޅަނދުފަހަރަށް 16.54 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެއެވެ. އަދި ތިން ޓަނަށްވުރެ އިތުރަށް ކިރާނަމަ، 16.04 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެއެވެ. މިފްކޯއިން ބުނީ، ކުރިއެކޭވެސް އެއްގޮތަށް މިފްކޯއިން ޑީސަލް ގަންނަ އާންމު ފަރާތްތަކަށް ވިއްކަމުން ދާނީ ލީޓަރެއް 17.54 ރުފިޔާގެ މަގުން ކަމަށެވެ.




