ރ. މީދޫގައި އިމާރާތްކުރާ ހޮސްޕިޓަލް ބިންގާ އިއްޔެ އަޅައިފިއެވެ.
އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި، ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އަޅައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމާއި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރެވެ.
މީދޫގައި ހޮސްޕިޓަލުގެ އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން އެންމެ ފުރަތަމަ އިއުލާންކުރީ ކުރީގެ ސަރުކާރުގަ އެވެ. އަދި ފަހުން އެ އިއުލާން ބާތިލް ކުރުމަށްފަހު އެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ ކުރީގެ ސަރުކާރުގެ ފަހުކޮޅުގެ ތެރޭގަ އެވެ. އެއީ 500 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 135 މިލިއަން ރުފިޔާއަށެވެ.
ނަމަވެސް، އޭރު އަމަލީ އެއްވެސް މަސައްކަތެއް ނުކޮށް އުޅެނިކޮށް، މި ސަރުކާރުން ވެސް މިދިޔަ އަހަރު ވަނީ ހޮސްޕިޓަލްގެ މަސައްކަތް ކުރުމަށް އާރުޑީސީއާއެކު އާ އެއްބަސްވުމެއްގައި މިދިޔަ އަހަރު ސޮއިކޮށްފަ އެވެ.
ދެވަނަ އެއްބަސްވުމުގެ ދަށުން ހޮސްޕިޓަލް އަޅަން ސޮއިކުރިތާ އަހަރެއްވާން ގާތްވެފައި ވަނިކޮށް ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށިއަސް، އެ މަޝްރޫއުގެ އިތރ އިތުރު ތަފްސީލެއް އަދި ނުދެ އެވެ. އެހެންވެ، އެނދުގެ ތަފްސީލެއް އަދި ޕްރޮޖެކްޓު އަގެއް ނޭނގެ އެވެ.



