ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، އަމީން ކޮންސްޓްރަކްޝަންގެ އެޕާޓްމެންޓް ގަތްއިރު ހަދައިފައިވާ އެއް މިލިއަން ޑޮލަރުގެ މުއާމަލާތަކީ، ޑޮލަރު މާރުކުރުމުގެ މުޢާމަލާތެއްކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު އިސްތިއުނާފުކޮށްފިއެވެ.
ޕީޖީ އޮފީހުން ބުނީ، ބައްސާމަށް މަނީ ލޯންޑްރިންގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅިއިރު، އެފްއޭއެމްގެ އެއް މިލިއަން ޑޮލަރުގެ ޗެކަކީ އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު ާ1205 އަދި 1206 އެޕާޓްމަންޓް ގަތުމަށް ބޭނުންކުރި ފައިސާކަން ސާބިތުނުވާ ކަމަށް ކޯޓުން ނިންމި ކަމަށެވެ. އެ ފައިސާއަކީ އެފްއޭއެމާއި އަމީން ކޮންސްޓްރަކްޝަނާ ދެމެދު ކުރި ޑޮލަރު މާރުކުރުމުގެ މުޢާމަލާތެއްކަމަށް ސާބިތުވާކަމަށް އެ ކޯޓުން ނިންމިކަން ޕީޖީ އޮފީހުން ފާހަގަކުރިއެވެ.
އެ އޮފީހުން ބުނީ، އެގޮތަށް މައްސަލަ ބެއްލެވި ފަނޑިޔާރު ކަނޑައަޅުއްވާފައިވަނީ ގާނޫނީ ހަމަތަކާ ޚިލާފަށް ހެކި ވަޒަންކޮށްގެންކަމަށް އެ އޮފީހުން ދެކޭ ކަމަށެވެ. އަދި ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ގިނަ ޝަފަހީ ހެކިންގެ ހެކިބަސް ނުނެގުމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ނިންމަވާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް އެ އޮފީހުން ދެކޭތީ، އެ ބައި ހައިކޯޓުގައި މިއަދު އިސްތިއުނާފުކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ހައިކޯޓުގައި އެދިފައިވާނީ، ދަޢުވާގެ އެ ބައި ސާބިތުކުރުމަށް ހުށަހެޅި އެންމެހައި ހެކިންގެ ހެކިބަސް ނަގައި، ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެކިތައް އަލުން ވަޒަން ކުރުމަށް ކަމަށް އެ އޮފީހުން ބުންޏެވެ. އަދި އެއް މިލިއަން ޑޮލަރުގެ ޗެކާ ގުޅޭ މުޢާމަލާތަކީ މަނީ ލޯންޑްރިންގެ ޢަމަލެއްކަމާމެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ދަށު ކޯޓަށް ފޮނުވުމަށް އެދިފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.



