ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ދިވެހިރާއްޖޭގެ ތިން ބާރު ވަކިވެފައި އޮންނަ ދުސްތޫރީ ނިޒާމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ބަނޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ބަންޑާރަނައިބު ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ އިންތިހާބީ އޮނިގަނޑަށް އަންނަ ބަދަލެއް ނަމަވެސް، މިއީ ރާއްޖޭގެ އަސާސީ ދުސްތޫރީ އޮނިގަނޑަށް ގެނެވޭ ބަދަލެއް ނޫން ކަމަށެވެ.
ގާނޫނު އަސާސީގައި އޮތް އެންމެ މުހިންމު އެއް ކަންތައް އެއީ ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއް ރާއްޖޭގައި އޮތުން. މި ބަދަލު ގެނަޔަސް ދުސްތޫރީ ނިޒާމަށް އެއްވެސް ބަދަލެއް ނާންނާނެ. ދެވަނަ ކަމަކަށް ރައްޔިތުންގެ ވޯޓުން ރައީސަކު ހޮވުން. އަދި ރައްޔިތުންގެ ވޯޓުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ހޮވުން. އެކަމަށްވެސް އެއްވެސް ބަދަލެއް އަންނާނެ ކަމުން އަސްލު ދުސްތޫރީ ނިޒާމަަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އަޅުގަނޑަަށް ޤަބޫލުކުރެވެނީ.“ އުޝާމް ވިދާޅުވިއެވެ.
ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް މި ގެންނަ ބަދަލަކީ އެކަށީގެންވާ މަޝްވަރާ ނުކޮށް، އަވަސްއަރުވާލައިގެން ގެންނަ ބަދަލެއް ކަމަށް ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ބަންޑާރަ ނައިބު ވަނީ ރައްދު ދެއްވާފައެވެ. ބަންޑާރަ ނައިބު ވިދާޅުވީ މިކަމަކީ ސަރުކާރުން ވަރަށް ބޮޑަށް ދިރާސާކޮށްގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި މަންދޫބުންގެ މެދުގައިވެސް ފުޅާ ދާއިރާއެއްގައި މިކަމަށް ބަހުސް ކުރެވިފައިވާ ކަމަށެވެ.




