ޔަހޫދީ އިޒްރޭލުގެ ވައިގެ ހަމަލާއެއްގައި، އީރާންގެ ސެކިއުރިޓީ ޗީފް އަލީ ލަރިޖާނީ އަވަހާރަ ކޮށްލައިފިއެވެ.
ލަރިޖާނީ އަވަހާރަކޮށްލައިފިކަން އީރާނުގެ ސަރުކާރުން ވެސް މިހާރު ވަނީ ޔަގީންކޮށްދީފައެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ލަރީޖާނީ އަކީ އީރާނާއި އިސްލާމީ އިންގިލާބުގެ ކުރިއެރުމަށް މުޅި އުމުރު ހޭދަކުރެއްވި ބޭފުޅެއް ކަމަށާއި، އޭނާ ”ޝަހީދުވީ ގައުމީ ހިދުމަތުގެ ސަފުގައި“ ހުންނަވަނިކޮށް ކަމަށެވެ.
”އީރާންގެ އިސްލާމީ އިންގިލާބު ކުރިއެރުވުމުގައި މުޅި އުމުރު ހޭދަކުރެއްވުމަށް ފަހު، މަތިވެރި ގޮވައިލެއްވުމާ އެކު އޭނާގެ ޒަމާންވީ އުންމީދު ހާސިލްވެ، ޝަރަފްވެރިކަމާ އެކު ޝަހީދެއްގެ ދަރަޖާގައި އެ ވަޑައިގަތީ ގައުމީ ހިދުމަތުގައި ހުންނަވައިގެން،“ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ބަޔާނުގައިވެ އެވެ.
ލަރިޖާނީ އަވަަހަރާކޮށްލުމަށް ފަހު އިޒްރޭލުން ވަނީ އީރާނުގެ އާ ސުޕްރީމް ލީޑަރު މުޖްތަބާ ޚާމަނާއީ ވެސް ހޯދައި އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދީފައެވެ.
އީރާނުގެ ދުވަސްވީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވިތާ ތިން ހަފްތާ ނުވަނީސް ލަރީޖާނީ އަވަހާރަކޮށްލި އިރު މިދިޔަ މަހުގެ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ އެކު މުޅި މެދުއިރުމަތީގެ މަސްރަހު ވަނީ ބަދަލުވެ، ބިރުވެރި ކަމެއްގެ ތެރޭގައެވެ. އަދި އެ ހަނގުރާމައިގެ އަސަރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް، އެކި ގޮތްގޮތުން ދަނީ ފޯރަމުންނެވެ.




