ގަލޮޅު މޯޗަރީ ކައިރީ ހުރި ގެއެއްގައި މިއަދު ރޯވި އަލިފާން ކޮންޓްރޯލްކޮށްފިއެވެ.
މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 10:45 ހާއިރު ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
އަލިފާން ރޯވެފައިވަނީ ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައެވެ. އަލިފާން ނިއްވުމަށް ކުރި މަސައްކަތުން، މިހާރު ވަނީ އަލިފާން އެއްކޮށް ކޮންޓްރޯލް ކުރެވިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ގެއަކީ 2 ފަންގިފިލާއަށް ޑެކް އަޅައިގެން ފިލާ ބޭނުންކޮށްގެން ހަދާފައިވާ ގެއެކެވެ. އެނގިފައިވާ ގޮތުގައި މި ގެ ބޭނުންކުރަމުން ދިޔައީ، ބައެއް މުދާ ގުދަން ކުރުމަށެވެ. މި އިމާރާތަކީ އެއްވެސް ފަރާތަކުން ދިރިއުޅެމުންދާ އިމާރާތެއް ނޫންކަން ވެސް ވަނީ އެނގިފައެވެ. އަދި ބާވެ ބޭނުން ނުކުރެވޭ ވަރު ވެފައިވާތީ ގެ ތަޅާލުމަށް ގެ ހުސް ކުރަމުންދިޔަ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މި ސަރަހައްދުގައި ދުމުގެ އަސަރު ހުރުމުން، އަލިފާން ހިފާފައިވާ ސަރަހައްދަށް ޖަމާނުވުމަށާއި، ބޭރަށް ނިކުންނަ ނަމަ ނޭފަތާއި އަނގަ ނިވާކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފަރާތްތަކުން ނޭވާލާން އުނދަގޫވެ، ބޯއަނބުރާނަމަ ސިއްޙީ އެހީތެރިކަން ހޯދުަމަށް ކަމާއިބެހޭ އިދާރާތަކުން ދަނީ އިރުޝާދު ދެމުންނެވެ.



