އިލެކްޓްރިކް ވެހިކަލް (އީވީ) އުޅަނދުތަކުގެ ނަންބަރު ބޯޑު ފެހިކުލައަށް ބަދަލުކޮށް، ބޯޑުގެ ކުލަ ބަދަލުކުރަން 60 ދުވަސް ދީފިއެވެ.
މި ބަދަލު ގެނެސްފައިވަނީ، ”އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް“ އިއްޔެ ގެނައި 7 ވަނަ އިސްލާހުގައެވެ.
އީވީ އުޅަނދަކީ އާންމުކޮށް ބޭނުންކުރާ ޕެޓްރޯލް ނުވަތަ ޑީސަލް އިންޖީނުގެ ބަދަލުގައި، ހަމައެކަނި ބެޓެރީގެ ހަކަތަ ބޭނުންކޮށްގެން ނުވަތަ އިލެކްޓްރިކް މޯޓަރެއް ބޭނުންކޮށް ދުއްވާ އުޅަނދުތަކެވެ.
އެ ގަވާއިދުގެ ރަޖިސްޓަރީކޮށްފައި ހުންނަ އުޅަނދުގައި ހަރުކުރަންޖެހޭ ނަންބަރު ބޯޑާއި އަކުރުތަކުގެ ކުލަތައް ބަޔާންކުރާ މާއްދާގެ (ރ)އަށް ގެނައި އިސްލާހުގައި ވަނީ، ވިޔަފާރި އުސޫލުން ބޭނުންކުރާ އަދި އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ އިލެކްޓްރިކް އުޅަނދުތަކުގެ ކުލަ ބަޔާންކޮށްފަ އެވެ. މީގެ ކުރިން މިފަދަ ވެހިކަލުތަކުގެ ވެސް ނަންބަރު ބޯޑު ހުންނަނީ ކަޅުކުލައިގަ އެވެ.
އެގޮތުން އަލަށް ގެނައި އިސްލާހުގައިވާ ގޮތުން:
° ވިޔަފާރި އުސޫލުން ބޭނުންކުރާ އިލެކްޓްރިކް އުޅަނދުތަކުގައި ބޭނުންކުރާ ނަންބަރު ބޯޑު ހުންނަންވާނީ ފެހިކުލައިގެ ބޯޑެއްގައި، ރީނދޫކުލައިގެ އަކުރުން ލިޔެފައި
° އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ އިލެކްޓްރިކް އުޅަނދުތަކުގައި ނަންބަރު ބޯޑު ހުންނަންވާނީ ފެހިކުލައިގެ ބޯޑެއްގައި، ހުދުކުލައިގެ އަކުރުން ލިޔެފަ
މި އިސްލާހަށް އިއްޔެއިން ފެށިގެން އަމަލުކުރަން ފެށި ނަަމަވެސް، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގައި ރަޖިސްޓްރީކޮށްގެން މިހާރު ބޭނުންކުރަމުންދާ އިލެކްޓްރިކް އުޅަނދުތަކުން، ނަންބަރު ބޯޑުގެ ކުލަ ބަދަލުކުރަން 60 ދުވަސް ވަނީ ދީފައެވެ.




