މާފަންނު ތޮއިބާ މިސްކިތް ކައިރީގައި ހުރި ޕްރައިމް ފާޓިލައިޒާގެ މައި ގުދަނުގައި ރޭ ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާއާ ގުޅިގެން މުޅި މާލެއަށް ވިހަ ދުން ފެތުރިފައި ވާތީ ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ.
އެ ގުދަނަކީ ޓިނާއި ލަކުޑިފަދަ ތަކެތިން ހަދާފައިހުރި ގުދަނެކެވެ.
ގުދަނުން ދުން އަރާކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފުން އެތަނަށް ދިޔައިރު އެ ގުދަނުގައި ވަރަށް ގަދަޔަށް އަލިފާންގަނޑު ހިފައި މުޅި ތަނަށް ހުޅުގަނޑު އޮތީ ފެތުރެން ފަށައިފައެވެ.
ރޭ 10:00 ހާއިރު ރޯވި އެ އަލިފާންގަނޑު ކޮންޓްރޯލްކުރެވުނީ ގާތްގަނޑަކަށް 2 ގަޑީރެއްހާއިރު ވަންދެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން އެތަނަށް ފެން ޖަހައި ކުރި މަސައްކަތުންނެވެ. އޭގެ ފަހުން 11 ޖެހި ފަހުން، އެއާޕޯޓުގައި އަލިފާން ނިއްވުމަށް ބޭނުންކުރާ ވެހިކަލް ގެނެސް އެތަނަށް ފޯމު ޖަހަން ފެށިއިރު މުޅި އެ ސަރަހައްދާއި މާލެ ތެރެއަށް ވެސް ވަނީ ދުންގަނޑު ފެތުރިފައެވެ.
ކެމިކަލް ވެސް ރައްކާކޮށްފައިވާ އެ ގުދަނުން ކެމިކަލްގެ ވަހާއި ދުން އަރާތީ އެޗްޕީއޭ އިން ވަނީ ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ.
ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:
° ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަށް ނުދިއުން.
° ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުކުތުމުގެ ކުރިން އަނގަ އާއި ނޭފަތް ނިވާކުރުން. އެންމެ ރަނގަޅީ އެން95 މާސްކް ބޭނުންކުރުން.
° ނޭވާލާ ނިޒާމްގެ އަދި ހިތުގެ ބަލިތައް ހުންނަ މީހުންނަށް ދުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބޮޑުވުން އެކަށީގެންވާނެތީ އެމީހުން އިތުރަށް ސަމާލުވުން.
° ގޭގެ ދޮރުތަކާއި ކުޑަދޮރުތައް، ދުން ނުވަންނާނެހެން ބަންދުކުރުން.
° ނޭވާ ކުރުވުން / ނޭވާލާން އުނދަގޫވުން، ގަދަޔަށް ކެއްސުން އަދި ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުން.




