އިންތިހާބާއި ބެހޭ މަރުކަޒު ސޯޝަލް ސެންޓަރަށް ބަދަލުކޮށް ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓްރީގައި އަލުން ސޮއިކުރަން ފަށައިފިއެވެ.
ފައިނަލް ވޯޓާސް ލިސްޓުގައި ސޮއި ކުރުން މެދުކަނޑާލީ، އިންތިހާބާ ބެހޭ މަރުކަޒާ ޖެހިގެން ހުރި އިމާރާތުގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މައި މަރުކަޒު، ކުރީގެ ޑްރަގް ކޯޓާ ޖެހިގެން ހުރި ކެމިކަލް ގުދަނުގައި އަލިފާން ރޯވެ، އެ ސަރަހައްދުން މީހުން ހުސްކޮށް ވަގުތީ ހިޔާވަހިކަން ވަނީ ހަމަޖައްސައިފައެވެ. އެއާއެކު، މައި މަރުކަޒުގައި ކުރަމުން ދިޔަ ވޯޓާސް ފައިނަލް ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް ވެސް ވަގުތީގޮތުން މެދުކަނޑާލިއެވެ.
މި ހާދިސާއާއި ގުޅިގެން އެތަނުގެ މަސައްކަތްތައް ހުއްޓާލައި އެތަނުގައި ހުރި ލިޔެކިޔުންތައް އީސީން ވަނީ ބޭރުކޮށްފައެވެ. އަދި އިންތިހާބުގެ ކަންކަން ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށް މިހާރުވަނީ މަސައްކަތް ފަށާފައެވެ.
އީސީން ބުނީ ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށް ދަނީ ސިޔާސީ ޕާޓީތަކާއި އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުން ވޯޓާސް ރަޖިސްޓްރީގައި ސޮއިކުރުމުގެ މަސައްކަތް ކަމަށެވެ. ސޯޝަލް ސެންޓަރުގައި މި މަސައްކަތް ކުރިއަށްދާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 10:00 ހަވީރު 3:00 އަށް، އަދި ރޭގަނޑު 9:00 އިން 12:00 އަށް ކަމަށް އެ ކޮމިޝުން ބުންޏެވެ.
ވޯޓާސް ރަޖިސްޓްރީގައި ސޮއިކުރުމުގެ މަސައްކަތް ސޯޝަލް ސެންޓަރުގައި އަލުން ފަށާފައިވާއިރު އަލިފާނުގެ މިހާދިސާއާއި ގުޅިގެން އިންތިޚާބުގެ އެއްވެސް ކަމަކަށް ބުރުލެއް ނާރާނެ ކަމަށް ވެސް އީސީން ވަނީ ބުނެފައެވެ.




