ޕްރައިމް ގުދަނުގައި ރޭގައި ހިނގި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދަން ހާއްސަ ތަހުގީގެއް ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިއަދު ވިދާޅުވީ، މާލޭގެ މާފަންނު، އިއްޒުއްދީންމަގާއި ފުލޫނިޔާމަގު ގުޅުނު ކަންމަތީގައި ހުންނަ ”ޕްރައިމް ފާޓިލައިޒާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް“ ގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ރޭ 21:57 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް ލިބުމާއެކު، ފުލުހުންނާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމުތަކުން އެ ސަރަހައްދަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ކޮށް، އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އަލިފާން ރޯވި ގުދަނަކީ އެކި ބާވަތްތަކުގެ ގަސްކާނާއާއި، ޕެސްޓިސައިޑްސްއާއި، ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނުގެ އިތުރުން ޖަނަރޭޓަރެއްވެސް ހުރި ތަނެކެވެ.
މި އަލިފާނުގެ ހާދިސާގައި، އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި އެމް.އެން.ޑީ.އެފްގެ ސިފައިންގެ މީހަކަށް އަނިޔާވެގެން، ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވެއެވެ. މި ހާދިސާގެ ސަބަބުން ގުދަނަށާއި އެތަނުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ސަރަހައްދުގައި ހުރި 13 ސައިކަލަކަށާއި، ޕިކަޕަކަށާއި، ކުންފުނީގެ ވޭނަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނާއި، ގުދަނުގައި ހުރި ކެމިކަލްތަކުގެ ސަބަބުން އުފެދުނު ދުމުގެ އަސަރު ކޮށްފާނެތީ، އެ ސަރަހައްދުގައި ދިރިއުޅޭ 77 މީހަކަށް، ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއެކު ވަނީ ވަގުތީ ބޯހިޔާވަކިން ފޯރުކޮށްދީފައެވެ.
ފުލުހުން މިހާރު ގެންދަނީ ސީން ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ވަނީ ހާއްސަ ތަހުގީގެއް ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.




