ބުރާސްފަތި ދުވަހުގެ ރޭ ބަޓިކް އެއާގެ ފްލައިޓެއްގެ ތެރޭގައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ދިވެހި މީހާ ދޫކޮށްލައިފިއެވެ.
މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ ކަމަށް އިއްޔެ ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ބުނީ، ހައްޔަރުކުރި މީހާގެ ސިއްހީ ހާލަތަށް ރިއާޔަތްކުރުމަށްފަހު، އިއްޔެ ހެނދުނުގެ ވަގުތެއްގައި އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.
އެ މީހާއާއި އޭނާގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހިއްސާ ކޮށްފައެއް ނުވެއެވެ. ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބިފައި ވާގޮތުގައި ފްލައިޓްގައި އެ މީހާ އަމަލުކުރި ގޮތުން ފްލައިޓުގެ ކްރޫންނާއި އެހެނިހެން ފަސިންޖަރުންނަށް އުނދަގޫތަކަކާ ކުރިމަތިވެ، ފްލައިޓުގެ އާންމު ހާލަތަށް ވެސް ބުރޫއެރިއެވެ.



