ޖަރުމަނުގެ އެއާލައިނެއް ކަމަށްވާ ކޮންޑޯ އިން އަހަރެއްގެ މެދުކެނޑުމަކަށްފަހު، މި އަހަރުގެ ހޫނު މޫސުމުގައި ރާއްޖެއަށް ފްލައިޓުތައް ބާއްވަން ނިންމައިފިއެވެ.
ކޮންޑޯ އިން އިއްޔެ ޝާއިއުކުރި ތާވަލުގައިވާ ގޮތުން، އަންނަ މެއި މަހުން ފެށިގެން މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ފްރެންކްފާޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ފްލައިޓުތައް ބާއްވަން ފަށާނެއެވެ.
އެ އެއާލައިނުގެ ފްލައިޓުތައް ރާއްޖެއަށް އޮންނާނީ ކޮންމެ ހޯމަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.
ކޮންޑޯ އިން އެންމެ ފަހުން ރާއްޖެއަށް އުދުހުނީ 2024ގެ ހޫނު މޫސުމުގައެވެ.
ޖަރުމަނަކީ މި އަހަރު ރާއްޖެއަށް ފަސް ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ގައުމެވެ.
އެގޮތުން، ޓޫރިޒަމް މިނިސްޓްރީން މި މަހުގެ 17ގައި އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، އެ ގައުމުން ރާއްޖެއަށް 35،811 ފަތުރުވެރިން މިހާތަނަށް މިއަހަރު ޒިޔާރަތްކޮށްފައިވެއެވެ.



