ޖުމަލް ހަތް މީހުންނާއެކު ވ. ފެލިދޫ ކައިރިއިން ދަތުރުކުރަމުން ދަނިކޮށް ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ދެ މީހުން އަދިވެސް ނުފެންނަކަމަށް ފުލުހުންނާއި އެމްއެންޑީއެފްއިން ބުނެފިއެވެ.
މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ ރޭ ދަންވަރު 01:15 ހާއިރެވެ.
އެނގިފައިވާ ގޮތުގައި އެ ލޯންޗުން ހަތް މީހަކު ދަތުރު ކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ޔޫކޭ އަދި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ. ލޯންޗު ބަންޑުން ޖަހާލި ވަގުތު އޭގެ ތެރެއިން ފަސް މީހަކު މޫދަށް ވިއްސައިގެން ދިޔައެވެ. އެއީ ރަޝިއާގެ އަންހެން މީހާގެ އިތުރުން އިންޑިއާގެ ހަތަރު ފިރިހެނުންނެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި އަނިޔާވި ތިން މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ”ސައުވީސް“ އަށް މައުލޫމާތު ދެމުން ބުނީ ގެއްލިފައިވާ ދެ މީހުން އަދިވެސް ނުފެންނަ ކަމަށެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު މި ނޫހަށް މައުލޫމާތު ދެމުން ބުނީ ގެއްލުނު ދެ މީހުން އަދިވެސް ނުފެންނަ ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ޑައިވަރުންނާއި ލޯންޗުތަކުން އަދި ވައިގެ މަގުން ވެސް ކުރިއަށްގެންދާ ކަމަށެވެ.
ގެއްލިފައިވަނީ އިންޑިއާގެ ދެ މީހެކެވެ.



